ރާއްޖޭގައި މިފަހުގެ ތާރީހެއްގައި ހިނގާދިޔަ އެންމެ ބޮޑު ހިޔާނާތް، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލު ކުރައްވައިފިއެވެ.
ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައި ވަނީ މިއަދު މެންދުރު 2:00ގައެވެ. އެމަނިކުފާނު ފުލުހުންގެ އިދާރާގައި ގާތްގަނޑަކަށް ތިން ގަޑިއިރު ހޭދަކުރެއްވިއެވެ. ފުލުހުންގެ އިދާރާއިން ނިކުމެވަޑައިގެންނެވި ގޮތަށް އެމަނިކުފާނު ކާރުކޮޅުގައި ވަޑައިގެންނެވީ ގެކޮޅަށެވެ. އެހެންކަމުން ފުލުހުންގެ އިދާރާއިން އެމަނިކުފާނަށް ކުރިމަތި ކުރުވީ ކޮން ސުވާލުތަކެއް ކަމަށް ސާފެއް ނުވެއެވެ.
ރައީސް ޔާމިންގެ ގާނޫނީ ވަކީލުންގެ ގޮތުގައި ފުލުސް އޮފީހަށް ވަޑައިގެންނެވި ޓީމްގައި ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދުވެ ހިމެނިވަޑައިގެންނެވިއެވެ.
ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް މިއަދު ހާޒިރުވެފައިވާ ދައުލަތުން އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިން މައްސަލައިގެ ހުކުމް އިއްވުން މާދަމާއަށް އޮތީ ތާވަލުކޮށްފައެވެ. އެ މައްސަލައަކީ އެމްއެމްޕީއާރްސީގެ ފައިސާ ކަމަށް ތުހުމަތު ކުރެވޭ ފައިސާ ރައީސް ޔާމީންގެ އިސްލާމިކް ބޭންކު އެކައުންޓަށް ޖަމާވުމާއި ގުޅިގެން އުފުލާފައިވާ ދައުވާއެކެވެ.
ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގާފައިވާއިރު ދާދިފަހުން ތ. ގުރައިދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު ގައްސާން މައުމޫނާއި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދުވެސް ވަނީ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައެވެ. ނަމަވެސް މި ދެ ބޭފުޅުން ހާޒިރުކުރި ސީދާ ސަބަބެއް ފުލުހުންވެސް އަދި އެ ބޭފުޅުންވެސް ހާމައެއް ނުކުރައްވައެވެ.