Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ޝަރުއީ ދާއިރާ އިސްލާހުކުރުމުގެ ނަމުގައި ހިންގަނީ ޖަރީމާއެއް: އިދިކޮޅު

އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: ޕީޕީއެމް

ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ނިޔަތުގައި ސަރުކާރުން ހިންގަމުން ގެންދަނީ ބޮޑު ޖަރީމާއެއް ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.

އެ ކޯލިޝަނުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމަކީ ވަކި ބަޔަކު ބޭނުންވާ ގޮތަށް ހުކުމް ކުރުމަށް ނުފޫޒު ފޯރުވުން ނޫން ކަމަށެވެ. އަދި ރިޔާސީ އިންތިހާބުގައި އެމްޑީޕީން ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ވެފައިވާ ވައުދަކީ ވަކިބަޔަކު ބޭނުންވާ ގޮތަކަށް ވަކިކަމެއް ހާސިލު ކުރުމަށް ކަމުގައިވާ ނަމަ އެކަމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުގެ ނޫސްބަޔާނުގައި ވަނީ ބުނެފައެވެ.

މި ބަޔާނުގައި އިތުރަށް ބުނެފައިވަނީ ޖުޑިޝަރީ އިސްލާހު ކުރުމަށްކަމަށް ބުނެ ޝަރައީ ކޯޓުތަކުގައި ހިނގާ ވަކިވަކި މައްސަލަތަކަށް ނުފޫޒު ފޯރުވުމަށާއި ކޯޓުތަކުގެ ފަނޑިޔާރުންނަށް ބިރު ދެއްކުމަށް ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީއާ ސަރުކާރުން ދަނީ މެދު ނުކެނޑި މަސައްކަތް ކުރަމުން ކަމަށެވެ. އެގޮތުން މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ މެންބަރުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ޝަރީއަތް ކުރާ ފަނޑިޔާރަށްވެސް ބިރުދައްކާފައިވާ ކަމަށް މި ބަޔާނުގައި ވަނީ ބުނެފައެވެ.

މި ނޫސްބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ މިނިވަންކަން ރައްކާކުރުމާއި ކޯޓުތަކުގެ ހައިބަތާއި ގަދަރު ހިމާޔަތް ކޮށްދިނުމަކީ ދައުލަތުގެ ކަންތައްތައް ހިންގުމާއި ހަވާލުވެ ތިބި އެންމެންގެ މައްޗަށް ގާނޫނުއަސާސީގެ 141ވަނަ މާއްދާގެ (ރ)ގެ ދަށުން ލާޒިމްކޮށްފައިވާ ކަމެއް ކަމަށެވެ. އަދި އަމިއްލަ ފަރުދަކުވިއަސް އަދި ދައުލަތުގެ ކަމެއް ހަވާލުކޮށްފައި ހުރި ފަރާތެއް ކަމުގައިވީ ނަމަވެސް، ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވާ ހަދައިގެން ނުވާނެ ކަމަށް ގާނޫނުއަސާސީގެ 141ވަނަ މާއްދާގެ (ނ)ގައި ބަޔާންކޮށްފައިވާ ކަމަށް އިދިކޮޅުން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އިދިކޮޅުގެ ނޫސްބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުންނާއި މެދު ނަފްރަތާއި ރުޅިވެރިކަން އުފެދޭ ގޮތަށް ވާހަކަތައް ފެތުރުމާއި ފަނޑިޔާރުންނާއި ދެކޮޅަށް ހަގީގަތެއްނެތް ދޮގު ތުހުމަތުތަކެއްކޮށް ގާނޫނުއަސާސީގެ 141ވަނަ މާއްދާއާ 142ވަނަ މާއްދާއިން ފަނޑިޔާރުންނަށް ކަށަވަރުކޮށްދީފައިވާ މުސްތަގިއްލުކަމުގެ މަބްދައަށް އެއްވެސް ބެލުމެއް ނެތި ސަރުކާރާއި ސަރުކާރު ހިންގާ މައިޕާޓީން ދަނީ ކޯޓުތަކާއި ފަނޑިޔާރުންނަށް ބިރު ދެއްކުމުގެ އަމަލުތައް ހިންގަމުން ކަމަށެވެ.

އިދިކޮޅުން މިފަދަ ނޫސްބަޔާނެއް ނެެރެފައިވާއިރު މާދަމާ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާ މަނީ ލޯންޑަރިންގެ މައްސަލައިގެ ހުކުމް އިއްވުން އޮންނާނެއެވެ. އެ މައްސަލަ ބައްލަވާ ގާޒީއަކީ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމެވެ.