ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފޭދޫގައި އިމާރާތް ކޮށްފައިވށާ 25 ހައުސިން ޔުނިޓަށް މީހުންނަށް ވަދެވޭ ވަރުވާނީ ރޯދައިގެ ފަހުން ކަމަށް ފޭދޫ ދާއިރާގެ ކައުންސިލަރު އަހުމަދު މިރުޒާދު (މިރާ) ވިދާޅުވެއްޖެ އެވެ.
ރޯދައިގެ ކުރިން ފްލެޓްތަކަށް މީހުން ވަންނާނެ ކަމަށް މޭއި 27 ވަނަ ދުވަހު މިރުޒާދު ވިދާޅުވެފައި ވުމާ ގުޅިގެން "އައްޑޫ ލައިވް" އާއި ވާހަކަ ދައްކަވަމުން މިރާ ވިދާޅުވީ ރޯދައިިގެ ކުރިން މީހުންނަށް ވަދެވޭބެ އިންތިޒާމް ހަމަނުޖެއްސުނު ކަމަށެވެ.
މިރާ ވިދާޅުވީ މިހާރު ކުރިއަށް ދަނީ ހައުސިން މިނިސްޓްރީ އާއި މަޝްވަރާ ކޮށްގެން އަލުން ގުރުއަތުލުމުގެ ކަންކަން ކުރިއަށް ގެންދިއުމުގެ މަސައްކަތް ކަމަށެވެ.
ކުރިން ގުރުއަތަކާއި ނުލައި 16 ފަރާތަކަށް ފްލެޓް ދިނުމަށް ކައުންސިލުން ނިންމާފައިވާ ނިންމުން ވެސް ބާޠިލް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މިރާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކުރިން ނިންމީ 75 ޕޮއިންޓަށް ވުރެ މަތިން މާކްސް ލިބުނު މީހުންގެ މެދުގައި ގުރުއަތުނުލާން. އެކަމަކު ހައުސިން މިނިސްޓްރީން ލަފާ ދެނީ އެއީ އެންމެ ރަނގަޅު ގޮތް ނޫންކަމަށް. އެހެންވެ މިނިސްޓްރީގެ ލަފާގެ މަތިން ކަންކަން ކުރިއަށް މި ގެންދަނީ،" އޭނާ ވިދާޅުވި އެވެ.
މިރާ ވިދާޅުވީ ހައުސިން މިނިސްޓްރީ އާއި ކައުންސިލް ގުޅިގެން ފްލެޓް ތަކަށް ހުށަހަޅާފައިވާ ފޯމްތައް އިވެލުއޭޓްކޮށް ގުރުއަތު ލުން ބޭއްވުމަށް ވަރަށް މަަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ފޭދޫ ގައި އިމާރާތް ކުރި ފްލެޓް ތަކަށް މީހުނަށް ނުވަދެވި އުޅެނިކޮށް އެތަން ތަން ވަނީ ހަލާކު ކުރަން ފަށާފައެވެ.އަދި އެތަނަށް އެދި ފޯމުލައިގެން ތިބި މީހުން އިންތިޒާރު ކުރާތާ އެތައް ދުވަހެއް ވެއްޖެ އެވެ.