Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ނިޒާމު ގެއްލުވާލި ކަމަށްބުނެ އިދިކޮޅު ހަތަރު މެންބަރެއްގެ ނަން އިއްވައިފި

މަހިނބަދޫ ދާއިރާގެ މެންބަރު ތޯރިގު، ޓޮމް މިއަދުގެ މަޖިލީހުގައި: އޭނާގެ ނަން އިއްވުމުން ބޭރަށް ނިކުންނަން ދެކޮޅު ހެއްދެވި.

ރައްޔިތުންގެ މަޖިލީހުގެ ނިޒާމު ގެއްލުވާލުމުން ކަމަށް ބުނެ އިދިކޮޅު ހަތަރު މެންބަރެއްގެ ނަން އިއްވަވައި ތަޅުމުން ބޭރުކޮށްފިއެވެ.

މިއަދުގެ ޖަލްސާގައި ނަން އިއްވަވާފައިވަނީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އާއި ނައިފަރު ދާއިރާ މެންބަރު އަހްމަދު ޝިޔާމްގެ އިތުރުން މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު، (ޓޮމް)ގެ ނަމެވެ. އަދި އޭގެ އިތުރުން ފެލިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަޒުލް ރަޝީދުގެ ނަން ވެސް ވަނީ އިއްވާފަ އެވެ.

މިއަދުގެ ޖަލްސާ ފެށުމާއި އެކު ވެސް ތަޅުން ވަނީ ހޫނު ވެފައެވެ. އެއީ މަޖިލީހުގެ ރައީސް ޖޭއެސްސީގެ ބައްދަލުވުމަށް ވަޑައިގަތުމުންނެވެ. އިދިކޮޅު މެންބަރުން އެކަން ސިފަކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް މިއަދު ތާވަލުކޮށްފައި ވަނިކޮށް އެ މައްސަލަ ބައްލަވާ ގާޒީއަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކުރާ ކަމެއްގެ ގޮތުގަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުނީއްސުރެން ނޮޅިވަރަމް ދާއިރާގެ މެންބަރު ނަޝީދު ދިޔައީ ދޭތެރެ ދޭތެރެއިން ތަޅުމުގައި 'ކަށިގަނޑު' ފުމެމުންނެވެ. އެކަމުގެ ސަބަބުން ބައެއް މެންބަރުންނަށް ބަހުސް ކުރުމަށް އުނދަގޫވެގެން ވަނީ އެކަން ވެސް ފާހަގަކޮށްފަ އެވެ.

އިދިކޮޅު މެންބަރުން ދިޔައީ މަޖިލީހުގެ ޖަލްސާގައި އެބޭފުޅުންގެ ނުތަނަވަސްކަން ފާހަގަކުރައްވަމުންނެވެ. އެގޮތުން ބަހުސް މަރުހަލާއާ ނިޒާމީ ނުކުތާ ނަގައިގެންވެސް އެބޭފުޅުންވެސް ދިޔައީ އެބޭފުޅުންގެ ޝުއޫރުތައް ފާޅު ކުރައްވަމުންނެވެ. އަދި މެންބަރު ނަޝީދާއި ޝިޔާމުގެ އިތުރުން ތޯރިގު މަޖިލީހުގެ ތަޅުމުން ބޭރު ކުރެއްވީ ކޮޅަށް ތެދުވެވަޑައިގަތް އަޑުގަދަ ކުރައްވަން ފެއްޓުމުންނެވެ.