Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

"ޑިއު ޕްރޮސެސްގެ ތެރެއިން ނޫން ގޮތަކަށް މި ސަރުކާރުން ކަމެއް ނުކުރާނެ"

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ - ފޮޓޯ: ރައީސް އޮފީސް

ޑިއު ޕްރޮސެސްގެ ތެރެއިން ނޫން ގޮތަކަށް މި ސަރުކާރުން އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ގައުމާއި ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކޮށް ގާނޫނުގެ ވެރިކަން ނަގަހައްޓަން އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަޅުއްވާނެ ކަމަށެވެ.

އިމްރާން މިގޮތަށް ވިދާޅުވެފައިވާއިރު އިސްލާމްދީނާއި ރަސޫލާއަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން ނެރެފައިވާ ރިޕޯޓުގެ މައްސަލާގައި އެ ޖަމިއްޔާ މިއަދު ވަނީ ޔޫތު މިނިސްޓްރީން އުވާލައިފައެވެ. އެމްޑީއެން އުވާލަން ނިންމާފައިވާކަން ޔޫތް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ހާމަކޮށްފައެވެ.

އެގޮތުން އެމްޑީއެން އުވާލުމަށް ޔޫތް މިނިސްޓްރީން ނިންމީ ތަހުގީގަށްފަހު ފުލުހުން ދީފައިވާ މައުލޫމާތަށް ބެލުމަށްފަހު އެވެ. ޖަމިއްޔާގެ ގާނޫނުގެ ދަށުން އެމްޑީއެން އުވާލަން ނިންމައި، ޖަމިއްޔާގެ ދަރަންޏާއި މުދަލާ ގުޅޭ ކަންކަން 45 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ މުއްދަތު ދީފަ އެވެ.
އެމްޑީއެން އިން ނެރުނު ރިޕޯޓުގެ މައްސަލަ ހޫނުވުމާއެކު ސަރުކާރުން ވަނީ މިދިޔަ މަހުގެ ކުރީކޮޅު އެ ޖަމިއްޔާ ވަގުތީ ގޮތުން ސަސްޕެންޑްކޮށްފައެވެ. ނަމަވެސް ސަސްޕެންޑް ކުރުމުން ނުފުދޭ ކަމަށާއި އެމްޑީއެން ވަގުތުން އުވާލުމަށް އިލްމުވެރިންނާއި ރާއްޖޭގެ ގިނަ އަދަދެއްގެ ކައުންސިލްތަކުން ވަނީ ސަރުކާރަށް ގޮވާލާ ބަޔާންތަކެއް ނެރެފައެވެ.

އެމްޑީއެންގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު އެ ރިޕޯޓު ލިޔުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުން ފުލުހަށް ހާޒިރުވާން މިހާރު ވަނީ ޗިޓު ހަވާލުކޮށްފައެވެ. ނަމަވެސް މިކަމުގައި އަމަލީ ގޮތުން ބައިވެރިވި އިސް މީހުން މިވަގުތު ތިބީ ރާއްޖެ އިން ބޭރުގައެވެ.

ފުލުހުން ޗިޓު ހަވާލުކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި އެމްޑީއެންގެ ރައީސް ޝަހިންދާ އިސްމާއިލް އާއި އެ ޖަމިއްޔާގައި އިސްކޮށް ހަރަކާތްތެރިވާ އަޒްރާ ނަސީމް ހިމެނިވަޑައިގަންނަވައެވެ. މީގެތެރެއިން އަޒްރާ ވަނީ ސަލާމަތީ ސަބަބުތަކަށްޓަކައި އަދި ރައްކާތެރި މާހައުލެއް ރާއްޖެއިން ލިބޭނެ ކަމުގެ ޔަގީންކަން ނެތުމާއި އެކު ރާއްޖެއައުމަށް އުޒުރުވެރިވާކަން ފުލުހުންނަށް އަންގާފައެވެ. ނަމަވެސް ޝަހިންދާ އަދި ވަކި ޖަވާބެއް ނުދެއްވަ އެވެ.