އައްޑޫ ސިޓީގައި އިމާރާތް ކުރަމުން އަންނަ ފުލުހުންގެ ޓްރެއިނިން ސްކޫލުގެ މައްސަލާގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކޮށްދެއްވުމަށް ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު އެދިވަޑައިގެންފިއެވެ.
މިދިޔަ މަހުގެ 28ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީއެއްގައި ވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއާ ކުރައްވަން ބޭނުންފުޅުވާ ސުވާލުތައް ހުށަހަޅާފައެވެ.
ނިހާދުގެ ސިޓީގައި އޭނާ ވިދާޅުވެފައިވަނީ އައްޑޫ ސިޓީގެ އެންމެ އަގުބޮޑު ބިމުގައި އެއް ކިލޯމީޓަރަށްވުރެ ދިގު ބިމުގައި ހަދަމުންދާ އިމާރާތަކީ އިންޑިއާގެ މިލިޓަރީ ބޭސްއެއް ހިންގުމަށްޓަކައި އިމާރާތް ކުރާ ތަނެއް ކަމުގެ ހަބަރު ފެތުރެމުންދާ ކަމަށެވެ. އެހެންކަމުން އެ ބިމަކީ ކޮން ފަރާތަކަށް ދޫކޮށްފައިވާ ބިމެއްތޯއާ އެތަނުގައި އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުން ދަނީ ކޮން ފަރާތަކުންތޯއާ އަދި އެ އިމާރާތާއި ގުޅޭ އެއްބަސްވުމުގެ ތަފްސީލު ދެއްވުމަށްވެސް ނިހާދު ވަނީ އެދިލައްވާފައެވެ.
ނިހާދު މިފަދައިން ވިދާޅުވެފައިވާއިރު އައްޑޫ ސިޓީ ހިތަދޫގައި ހަދަމުން އަންނަ ޕޮލިސް ޓްރެއިނިންގ ސްކޫލަށް އިންޑިއާގެ ނުފޫޒެއް ނޯންނާނެ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުގައި މިހާރު ހުންނެވި މުހައްމަދު ހަމީދު ވެސް ވަނީ މީގެކުރިން ވިދާޅުވެފައެވެ.
އިންޑިއާގެ އެހީގެ ދަށުން 18 މިލިއަން ޑޮލަރު ޚަރަދުކޮށްގެން އަޅާ ޕޮލިސް އެކަޑެމީގެ ބިންގާ އެޅީ 2017 ވަނަ އަހަރުއެވެ. އިންޑިއާ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މިއެކަޑެމީގެ މަސައްކަތް ނިންމަން ކަނޑައަޅާފައިވަނީ އަށާރަ މަސް ދުވަހުގެ ތެރޭގައެވެ.
އައްޑޫގައި ޕޮލިސް އެކެޑެމީ އަށް އިމާރާތް ކުރަނީ ކުރިން ހިތަދޫގައި ހިންގި ޕޮލިސް ޓްރޭނިން ސްކޫލް ފެބްރުއަރީ 8، 2012 ގައި އަންދައިލުމާ ގުޅިގެންނެވެ. އާ ޕޮލިސް އެކެޑެމީ އައްޑޫގައި އަޅާކަން އިއުލާން ކުރީ ފުލުހުންގެ 81 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން 2014ވަނަ އަހަރުގެ އޭޕްރީމް މަހުގެ ހަވަނަ ދުވަހު އައްޑޫގައި ބޭއްވި ޖަލްސާގައި ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދެވެ.