Last Updated: April 26, 20:10
Friday, April 26, 2024
ޚަބަރު

ސަރުކާރު ކުންފުނިތަކުން ފެނަކަ ނަމޫނާއަކަށް ބަލަން ޖެހޭ: އަނދުން ހުސެއިން

ސަރުކާރު ކުންފުނިތަކުން ފެނަކަ ކޯޕަރޭޝަން ހިންގާ ގޮތް މިސާލަކަށް ބަލަން ޖެހޭކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ވިދާޅުވެއްޖެއެވެ.

ލ އަތޮޅުގައި ކުރިން ހިންގަމުން އައި ފެނަކަ ކޯޕަރޭޝަންގެ ތިން އޮފީސް އެއްކޮށް ލ. ގަމުގައި މިއަދު ހުޅުވި ފެނަކަ ކޯޕަރޭޝަންގެ އާ އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހުސެއިން ވިދާޅުވީ ފެނަކަ ކޯޕަރޭޝަންގެ ހިންގަމުންދާ ގޮތަކީ މިއަދު ސަރުކާރު ކުންފުނިތަކުން މިސާލު ނަގަން ޖެހޭ ކަމެއް ކަމަށެވެ.

ހުސެއިން ވިދާޅުވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު ކުންފުންޏާއި ހަވާލުވި ފަހުން ކުންފުނިން ބޮޑެތި ކުރިއެރުން ހޯދާފައިވާ ކަމަށެވެ. އެގޮތުން އެސްޓިއޯ އަދި ވެމްކޯ ފަދަ ކުންފުނިތަކުން ފެނަކަ މިސާލަކަށް ބަލަން ޖެހޭ ކަމަށެވެ.

ލ. ގަމުގައި މިއަދު ހުޅުވި އާ އޮފީސް ހުޅުއްވައިދެއްވީ އިކޮނޮމިކް މިނިސްޓަރ އަދި ކުރީގެ ގަމު ދާއިރާގެ މެމްބަރު ފައްޔާޒު އިސްމާއިލްއެވެ.

އޮފީސް ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ގަމު ދާއިރާގެ މިހާރުގެ މެންބަރު މުހައްމަދު ވިސާމާއި ފެނަކައިގެ އެމްޑީ އަހުމަދު ސައީދު މުހައްމަދާއި ޑެޕިއުޓީ އެމްޑީ އިބްރާހިމް ވަހީދު އަދި ޗެއާމަން މުހައްމަދު ރަޝީދު ވެސް ބައިވެރިވި އެވެ.