Last Updated: June 5, 20:43
Friday, June 5, 2026
ޚަބަރު

މަޖިލީހަށް ޕްރިންސިޕަލެއް ބޭނުންވޭ: ނަޝީދު

ރައްޔިތުންގެ މަޖިލީހަށް މިހާރު ސްކޫލެއްގައި ހުންނަ ގޮތަށް ޕްރިންސިޕަލަކު ބޭނުންވެފައިވާ ކަމަށް މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، މިއަދު އެޑިއުކޭޝަން މިނިސްޓަރ، ޑރ. އާއިޝަތު އަލީ މަޖިލީހަށް ހާޒިރުކުރުމާ ގުޅިގެންނެވެ. މިފަދަ ދަނޑިވަޅެއްގައި މިނިސްޓަރ ވަޑައިގެންނެވީތީ އުފާ ކުރައްވާ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ދާންދޫ ދާއިރާގެ މެމްބަރ މިނިސްޓަރާ ސުވާލު ކުރެއްވުމަށް އެދުމުން މިއަދު މިނިސްޓަރު މަޖިލީހަށް ހާޒިރުކުރެވި ޓީޗަރުންގެ މުސާރައާ ގުޅޭގޮތުންނާއި ސްކޫލްތަކާއި ރާއްޖޭގެ ކިޔެވުމުގެ ނިޒާމާ ގުޅޭގޮތުން މެމްބަރުން ސުވާލު ކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ ޓީޗަރުންގެ މުސާރަ ބޮޑު ކޮށްދެއްވުމަކީ ރައީސުލް ޖުމުހޫރިއްޔާގެ ރިޔާސީ ވައުދުފުޅެއް ކަމަށާއި އެކަން ކުރެވޭނެ ކަމާމެދު އެއްވެސް ޝައްކެއް ނުކުރައްވާ ކަމަށެވެ.

އަދި ތައުލީމީ ނިޒާމާ ގުޅޭގޮތުން ބަޖެޓުގައި ހިމެނި މިންވަރު އަދިވެސް މަދު ކަމަށާއި، މިސަރުކާރުން ރާއްޖޭގެ ތައުލީމީ ނިޒާމު ހަރުދަނާ ކުރުމަށް ބުރަ މަސައްކަތެއް ކުރަން ރާވާފައިވާ ކަމަށް އެކަމަނާ މަޖިލީހުގައި ވިދާޅުވިއެވެ.