Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ބޮޑު ހިޔާނާތް ތަހުގީގުކުރަން މަޖިލީހުގެ ކޮމެޓީއެއް ހެދުމުގެ ބޭނުމެނެތް: ނަޝީދު

ރައީސް މުހައްމަދު ނަޝީދު - ފޮޓޯ: މަޖިލިސް

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ބޮޑު ހިޔާނާތުގެ މައްސަލަ ތަހުގީގު ކުރުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ވަކި ކޮމިޓީއެއް ހެދުމުގެ ބޭނުމެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައި މިވަނީ މަޖިލީސް ތެރެއިން ބޮޑު ހިޔާނާތް ތަހުގީގު ކުރުމަށް ވަކި ހާއްސަ ކޮމެޓީއެއް ހެދުމަށް ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ފޮނުއްވި ސިޓީއަކާއި ގުޅިގެން އެ ސިޓީއަށް ޖަވާބު ދެއްވުމުގެ ގޮތުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަށް އެ ސިޓީ ލިބިވަޑައިގެންފައިވާ ކަމަށެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ތަހުގީގު ކުރުމަށް އުފެއްދި ރިޔާސީ ކޮމިޝަން މަޖިލީހުން ޖަވާބުދާރީ ކުރެވޭނެ ކަން ފާހަގަ ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ޖާބިރު އެދިވަޑައިގެންނެވި ކަންކަން ފުރިހަމައަށް ހިންގަމުން އަންނަ ކަމަށެވެ.

ޖާބިރު މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ 18ވަނަ ރައްޔިތުންގެ މަޖިލީހުގައި އޭރު ނެގިގެންދިޔަ މުހިއްމު ވޯޓުތަކުގައި އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުން މަޖިލީހުގެ މެންބަރުން ފައިސާ ނަގާފައިވާކަން މީޑިއާތަކުން ގެނެސްދޭ ހަބަރުތަކުން އެނގެން އޮންނަ ކަމަށެވެ. އަދި އޭރު އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު ކަމުގެ މަގާމުގައި ހުންނެވީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ކަމަށްވެސް ޖާބިރުގެ ސިޓީގައި ވަނީ ފާހަގަކުރައްވާފައެވެ.

ޖާބިރު ވިދާޅުވީ އެމްއެމްޕީއާރްސީ މައްސަލައިގެ ޝަރީއަތްތައް ރާއްޖޭގެ ޝަރުއީ ކޯޓުތަކުގައި ކުރިއަށްދާ ދަނޑިވަޅުގައި އެމްއެމްޕީއާރްސީގެ މައްސަލަ ތަހުގީގު ކުރެއްވި ފުލުހުންގެ މުއައްސަސާގެ އޭރުގެ ބޭފުޅުންނާއި އަދި އެ މައްސަލަތަކުގެ ދައުވާ އުފުލި ޕްރޮސިކިއުޓާ ޖެނެރަލް މިއަދުވެސް އެ މައްސަލަތައް އަލުން ތަހުގީގު ކުރުމަކީ އެފަރާތްތަކުން މީގެކުރިން އަމަލުކޮށްފައިވާ ގޮތުން ގެއްލިފައިވާ ރައްޔިތުންގެ ހައްގުތައް އަލުން ހޯދައިދެވޭނެ ކަމަށް ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށެވެ.

ޖާބިރު ވިދާޅުވީ މިހާރު ހިނގަމުންދާ 19ވަނަ ރައްޔިތުންގެ މަޖިލީހުގައި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބިވަޑައިގެންނެވި މަޖިލިސް މެންބަރުން ތިއްބެވިކަމާއި ސަލާމަތީ ބާރުތަކާއި ފަނޑިޔާރުންވެސް އަދި ވިޔަފާރިވެރިންވެސް މި ހިޔާނާތުގެ މައްސަލާގައި ހިމެނޭކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ޖާބިރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން އެ ތަހުގީގު ކުރިއަށް ގެންދާއިރު އެންމެ ފުރަތަމަ ހާޒިރު ކުރެވޭ ފަރާތަކީ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބަށް ވެއްޖެނަމަ ތަހުގީގު ކުރިއަށް ގެންދިއުމުގައި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.