Last Updated: April 20, 19:35
Saturday, April 20, 2024
ޚަބަރު

"ޞިއްޙަތުގެ ކައުނީ ހިޔާ"، އެމް.އެން.ޔޫ ނަރސިންގ ދަރިވަރުންގެ ފަރާތުން އައްޑޫއަށް!

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ނަރސިންގ ދަރިވަރުންގެ ފަރާތުން އައްޑޫގައި "ޞިއްޙަތުގެ ކައުނީ ހިޔާ" ގެ ނަމުގައި ޞިއްޙަތާއި ބެހޭ އާއިލީ ހަވީރެއް ބާއްވަން ހަމަޖައްސައިފިއެވެ.

މި ހަރަކާތް ރާވަނީ އެމް.އެން.ޔޫ މާލޭ ކެމްޕަހުގެ ސްކޫލް އޮފް ނަރސިންގ ގެ ބެޗަލަރސް އޮފް ނަރސިންގ ގެ 7 ވަނަ ސެމެސްޓަރ ދަރިވަރުން އައްޑޫއަށް ކުރާ ދަތުރުގެ ތެރެއިންނެވެ.

މި ހަވީރަކީ ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް، ޢާންމުންނަށް ހުޅުވާލައިގެން ޞިއްޙަތާއި ބެހޭ އެކިއެކި މުހިންމު މަޢުލޫމާތު ޢާންމުންނަށް ފޯރުކޮށްދީ، އާންމުންގެ މެދުގައި ޞިއްޙީކަންކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް ބޭއްވޭ ހަރަކާތެކެވެ.

އެގޮތުން ކުޑަކުދިންގެ ޞިއްޙަތާއި ބެހޭ މަޢުލޫމާތާއި، ދާއިމީ ބަލިތަކާއި ބެހޭ މަޢުލޫމާތުގެ އިތުރުން އަވަސް ފަރުވާ އާއި އަންހެނުންގެ ޞިއްޙަތާއި ބެހޭ މަޢުލޫމާތުވެސް މިހަރަކާތުގެ ތެރެެއިން ބުނެދެވިގެންދާނެއެވެ. މީގެ އިތުރުން ލޭގެ ޕްރެޝަރ ބަލާ ދިނުމާއި، ހަކުރު ބަލައިދިނުންވެސް ކުރިއަށްދާނެއެވެ.

ކުޑަކުދިންގެ ކުޅިވަރުތައްވެސް ހިމެނިގެންދާ ގޮތަށް ބޭއްވޭ މިހަރަކާތުގައި ބައިވެރިވާ ފަރާތްތަކަށް ޚާއްސަ އިނާމުތަކެއްވެސް ދެވިގެން ދާނެކަމަށް އިންތިޒާމު ކުރާ ނަރސިންގ ދަރިވަރުން މަޢުލޫމާތުދެއެވެ.

މި ހަވީރު އޮންނާނީ މާދަމާ (8 ނޮވެމްބަރ 2019، ހުކުރު) ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް ހިތަދޫ އައިސް ޑިލައިޓް ޖެހިގެން އޮންނަ ކުޑަކުދިންގެ ޕާކުގައެވެ.