ސްކޫލުތަކުގައި ނަމާދު ކުރަން ވަކި ހާއްސަ ތަނެއް ނެތް ކަމުގައިވިއަސް ދަރިވަރުން ނަމާދު ކުރަން ޖެހޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހްމަދު އާމިރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ ނަމާދުކުރަން ވަކި ހާއްސަ ތަނެއް ހުންނަން ޖެހޭކަމަށް ގަބޫލުނުކުރައްވާ ކަމަށާއި ސްކޫލުގެ ތެރޭގައި ނުވަތަ ކްލާސްރޫމުގެ ތެރޭގައި މިހާރުވެސް ދަރިވަރުން ނަމާދު ގަޑިޖެހުމުން ނަމާދުކުރަމުން އަންނަ ކަމަށެވެ.
" ސްކޫލު ހޯލުގަ، ކްލާސް ރޫމްތެރޭގައި ވެސް ނަމާދުކުރެވޭ. އެކަންކަން ހަމަ މިހާރުވެސް ކުރަމުންދަނީ. ޖަމާއަތުގައި ނަމާދަށް އަރާ ސްކޫލުތައް ވެސް އެބަހުރި. ބައެއް ސްކޫލުތަކުގައި އަޅުގަނޑުމެންނަށް ބަޖެޓް ހުރި މިންވަރަކުން ނަމާދުކުރާ ގެތައް އަޅައިދެމުން މިދަނީ،" މިނިސްޓަރު ވިދާޅުވިއެވެ.
ދަރިވަރުންނަށް ދޭ ދީނީ ތަރުބިއްޔަތު ރަނގަޅު ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ކުރާ މަސައްކަތްތަކާއި ގުޅޭ ގޮތުން ވިދާޅުވީ މިއަހަރުގެ ކުރީކޮޅު ބޭއްވި ކަރިކިއުލަމް ސިމްޕޯޒިއަމްގައި ވެސް ދީނީ ކަންކަމަށް އިސްކަންދެވޭ ގޮތަށް ކަރިކިއުލަމަށް ބަދަލުތަކެއް ގެނައުމަށް މަޝްވަރާ ކުރެވުނު ކަމަށާއި އަދި އެ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.