ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރުމަށްޓަކާ އެމްޑީޕީގެ ޓިކެޓް ހޯދުމަށް، އެ ޕާޓީގެ މަޖިލިސް ޕްރައިމަރީގައި ވާދަކޮށް ނާކާމިޔާބުވި ދެ މީހަކު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)އަށް އައްޔަން ކުރަން ފެންނަ ކަމަށް މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ނިންމައިފިއެވެ.
ކޮމެޓީން ރުހުން ދިން މީހުންގެ ތެރޭގައި ހިމެނެނީ އެމްޑީޕީ ޕްރައިމަރީގައި ވާދަކޮށް، ސިޔާސީ ހަރަކާތްތަކުގައި ވަރަށް އެކްޓިވްކޮށް އުޅުނު އަދި ގދ. އަތޮޅު ކައުންސިލްގެ ކުރީގެ މެމްބަރު އަހުމަދު ޤައިސެވެ. ނިމިދިޔަ އެމްޑީޕީ މަޖިލިސް ޕްރައިމަރީގައި ޤައިސް ވާދަ ކުރެއްވީ ތިނަދޫ އުތުރު ދާއިރާއަށެވެ. ޤައިސްއަކީ ރައީސް ނަޝީދުގެ ވެރިކަން ބަދަލުވުމުން 2012 ވަނަ އަހަރު ތިނަދޫގައި ހުޅުޖެހި މައްސަލާގައި ދައުވާ ލިބުނު 72 މީހުންގެ ތެރޭގައިވެސް ހިމެނުނު މީހެކެވެ. އޭނާއަކީ ކުރީގެ ތިނަދޫ މެމްބަރު އަދި މިހާރުގެ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމްގެ އެއްބަނޑު އެއްބަފާ ކޮއްކޮއެވެ.
ބްރޯޑްކޮމްއަށް އައްޔަން ކުރަން ފެންނަ ނަންތަކުގެ ތެރޭގައި ނިމިދިޔަ މަޖިލިސް އިންތިހާބުގައި މައްޗަންގޮޅީ ދެކުނު ދާއިރާއަށް ވާދަކޮށް، ނާކާމިޔާބުވި ކުރީގެ ނޫސްވެރިޔާ އަހުމަދު ފައިރޫޒް ވެސް ހިމެނެއެވެ. ފައިރޫޒަކީ ވީޓީވީ އާއި ރާއްޖެޓީވީގައިވެސް މަސައްކަތް ކޮށްފައިވާ ނޫސްވެރިޔެކެވެ. ހަމައެއާއެކު ސަންގުޓީވީގައި ވެސް އޭނާ ވަނީ މަސައްކަތް ކޮށްފައެވެ. އަދި އޭރުގެ ސަރުކާރުގެ ފައިސާއިން ހިންގާ ޓީވީ ޗެނަލެއް ކަމަށް ގިނަބަޔަކު ތުހުމަތު ކުރަމުންދިޔަ ޗެނަލް 13ގައިވެސް ފައިރޫޒު ވަނީ މަސައްކަތް ކޮށްފައެވެ.
ބްރޯޑްކޮމްއަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވެވި ނަންތަކުގެ ތަރުތީބުން ކޮމެޓީން ދަނީ އިންޓަވިއު ކުރަމުންނެވެ. އެގޮތުން މިދިޔަ ހޯމަ ދުވަހާއި އަންގާރަ ދުވަހު ވެސް މިނިވަން މުއައްސަސާތަކުގެ ކޮމެޓީން އެ ބޭފުޅުންނާ އިންޓަވިއުކޮށް، ބްރޯޑްކޮމްއަށް އައްޔަން ކުރަން ފެންނަ ނަންތައް ކޮމެޓީން ދަނީ ފާސްކުރަމުންނެވެ.
ބްރޯޑްކޮމުން ހުސްވެފައިވާ ދެ މަގާމަށް 36 މީހަކު ވާދަ ކުރެއެވެ. މިހާތަނަށް ކޮމެޓީން 16 ބޭފުޅުންނާ އިންޓަވިއުކޮށްފައިވެއެވެ.
އެމްޑީޕީގެ ބޮޑު އަގުލަބިއްޔަތެއް އޮންނަ މިނިވަން މުއައްސަސާތަކުގެ ކޮމެޓީގައި ހިމެނޭ 12 މެމްބަރުންގެ ތެރެއިން ނުވަ މެމްބަރުންނަކީ އެމްޑީޕީގެ މެމްބަރުންނެވެ. އެ ކޮމެޓީގައި ޕީޕީއެމްގެ ދެ މެމްބަރަކު ހިމެނިވަޑައިގަންނަވާއިރު، ސަރުކާރު ކޯލިޝަން ޖޭޕީއަށް ނިސްބަތްވާ އެއް މެންބަރަކާއި މިނިވަން މެމްބަރަކު ވެސް އެ ކޮމެޓީގައި އިންނަވައެވެ.