Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ނަޝީދުގެ އިލްތިމާސް: ރަކީދޫގައި އަޅާ ސްކޫލަށް އިބްތިހާލުގެ ނަމުން ނަންދީ

އިބްތިހާލު --

ވ. ރަކީދޫގައި ސްކޫލެއް އަޅާ ނަމަ މުހައްމަދު އިބްތިހާލަށް ނިސްބަތްކޮށް އެ ސްކޫލަކަށް ނަން ކިޔުމަކީ އެދެވިގެންވާ ކަމެއް ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު އޮތް ރައްޔިތުން މަޖިލީހުގެ ޖަލްސާގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ހާޒިރުކޮށް މެންބަރުން ވަނީ ސުވާލުތަކެއް ކޮށްފައެވެ. އެގޮތުން ރައްޔިތުން މަޖިލީހުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ރަކީދޫއަށް އެކަމަނާ ވަޑައިގެން ބެއްލެވި އިރު ވަރަށް ހިތާމަވެރި މަންޒަރުތަކެއް ފެނިވަޑައިގަތް ކަމަށެވެ. ރަކީދޫގައި ސްކޫލެއް އަޅަން މަސައްކަތް ކުރަމުން ގެންދާ ކަމަށާއި އެގޮތުން އެ ރަށުގައި ސްކޫލެއް އެޅުމަކީ ފީޒިބަލް ކަމެއްތޯ ބަލަން ދިރާސާތަކެއް ހަދަމުން އަންނަ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

އެ ކަމަނާގެ ވާހަކަފުޅާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ ރަކީދޫގައި ސްކޫލެއް އަޅުއްވައިފި ނަމަ އިބްތިހާލްގެ ނަން އެ ސްކޫލަކަށް ދިނުން ވަރަށް ރަނގަޅުވާނެ ކަމަށެވެ.

"އަޅުގަނޑު ހިތުން ރަކީދޫގައި މަދަރުސާއެއް ހައްދަވައިފިނަމަ އެ މަދަރުސާއަށް އިބްތިހާލްގެ ނަމުން ނަން ދެއްވުމަކީ އެދެވިގެންވާ ކަމެއް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ގާތްގަނޑަކަށް 400 އެއްހާ މީހުން ދިރިއުޅޭ ރަކީދޫގައި މިހާރު ސްކޫލެއް ނުހުރެ އެވެ. އެ ރަށު ގިނަ ކުދިން ސްކޫލަށް ދަނީ ކައިރީ އޮންނަ ފުލިދޫއަށެވެ. އިބްތިހާލަކީ އެ ރަށުގައި އަނިޔާވެރި ގޮތަކަށް މަރާލި ކުޑަކުއްޖެކެވެ. އެ ކުއްޖާ މަރާލި ކަމުގެ ތުހުމަތުގައި ކުއްޖާގެ މަންމައަށް ދައުލަތުން ވަނީ ދައުވާ ކޮށްފައެވެ. އަދި އެކަމާއި ގުޅިގެން އޭނާ މިހާރުވެސް ހުރީ ޖަލުގައި ބަންދުކޮށްފައެވެ.