Last Updated: June 5, 20:43
Friday, June 5, 2026
ޚަބަރު

އެމްޑީއެން އުވާލުމުން އެނގެނީ ހަގީގީ މިނިވަންކަމެއް ނެތްކަން: އެމްނެސްޓީ

ނޯވޭގައި ހުންނަ އެމްނެސްޓީ އިންޓަނޭޝަނަލްގެ ހެޑް ކުއާޓާރސް.

މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް(އެމްޑީއެން) އިން ނެރުނު ރިޕޯޓެއްގެ ސަބަބުން އެ ޖަމިއްޔާ އުވާލުމުން އެނގެނީ އަދިވެސް ހަގީގީ މިނިވަންކަމެއް ރާއްޖޭގައި ނެތް ކަން ކަމަށް ބައިނަލް އަގުވާމީ ޖަމިއްޔާއެއް ކަމަށްވާ އެމްނެސްޓީ އިންޓަނޭޝަން އިން ބުނެފިއެވެ.

އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސަރުކާރު ބަދަލުވިޔަސް ހަގީގީ މިނިވަންކަމެއް ރާއްޖޭގައި ގާއިމުވެފައި ނެތް ކަން ސަރުކާރުގެ މި ނިންމުމުން ހާމަވެފައިވާ ކަމަށެވެ.

މިސަރުކާރު އައުމުން ބެލެވުނީ ހިފެހެއްޓުމުގެ ސަގާފަތް މާޒީވެ ދިއުން ކަމަށާއި ނަމަވެސް އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ފަރާތްތައް އަދިވެސް ތިބީ ބިރުވެރިކަމެއްގެ ތެރޭގައި ކަން ހާމަވެގެން ދިޔަ ކަމަށް ޖަމިއްޔާގެ ދެކުނު އޭޝިޔާ ރިސާޗް ޑިރެކްޓަރ ޑިނުޝިކާ ޑިސަނަޔަކޭ ބުނެފައިވެއެވެ.

މިނިވަން ޚިޔާލު ފާޅުކުރުމަށް ދިވެހި ސަރުކާރުން ހުރަސް އަޅައިގެން ނުވާނެ ކަމަށާއި، ރާއްޖެއަކީ ބައިނަލް އަގުވާމީ މުއާހަދާތަކުގައި ސޮއިކޮށްފައި އޮތް ގައުމެއް ކަމަށް އެމްނެސްޓީ އިން ބުނެފައިވެއެވެ. އޭގެ ތެރޭގައި، އިންޓަނޭޝަނަލް ކޮންވެންޝަން އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް ހިމެނޭ ކަމަށާއި އޭގެ ދަށުން، އެމްޑީއެން ނެރުނު ރިޕޯޓަކާ ގުޅިގެން އެޖަމިއްޔާއަށް ފިޔަވަޅު އެޅިގެން ނުވާނެ ކަމަށް ވެސް ބުނެފައިވެއެވެ.

ދީނަށް ފުރައްސާރަ ކުރުމުގެ ސަބަބުން އެމްޑީއެން އުވާލާފައިވާއިރު އެ ނިންމުން އަނބުރާ ގެންދިއުމަށް އެމްޑީއެން އިން ވަނީ ސަރުކާރަށް ގޮވާލާފައެވެ. ދީނާ ޚިލާފު ވާހަކައެއް ދެއްކުމަކީ ނުވަތަ ލިޔުމަކީ ރާއްޖޭގެ ގާނޫނު އަސާސީއާ ޚިލާފު ކަމެކެވެ. އެފަދަ ކަމެއް ކުރި ޖަމިއްޔާއެއް އުވާލުމުގެ ބާރު ޔޫތް މިނިސްޓްރީއަށް ލިބިފައި އޮވެއެވެ.