އުމްރާގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ސައުދީ އަރަބިއްޔާއަށް ދާ އުމްރާވެރިންގެ ވިސާ ޖެހުމަށް ނަގާ އަގުތަކަށް ސައުދީގެ ކަމާބެހޭ މުއައްސަސާތަކުން ބަދަލު ގެނެސްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މީގެކުރިން އުމްރާގެ އަޅުކަން އަދާކުރުމަށް ދާ ފަރާތްތަކުގެ އަތުން ރިޕީޓާސް ފީގެ ނަމުގައި ނަގަމުން ދިޔަ 2000 ރިޔާލު ނުވަތަ 8240 ދިވެހި ރުފިޔާ ނުނަގާ ގޮތަށް ސައުދީގެ ކަމާބެހޭ މުއައްސަސާތަކުން މިހާރު ނިންމާފައިވާ ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އެ ފައިސާ ނުނަގާ އުމްރާވެރިންގެ އަތުން ނަގާނީ 300 ރިޔާލު ނުވަތަ 1236 ދިވެހި ރުފިޔާ ކަމަށާއި އިތުރު އެއްވެސް ފީއެއް ނުނަގާނެ ކަމަށް ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީން މައުލޫމާތު ދީފައިވާ ކަމަށެވެ.
ނަމަވެސް، ތަފާތު އެޖެންޓުން މެދުވެރިކޮށް ވިސާ ނަންގަވާއިރު އެފަރާތްތަކުން ދޭ ހިދުމަތްތަކާ ގުޅިގެން އެފަރާތްތަކުން އިތުރު ފައިސާ ނެގުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އެހެންނަމަވެސް އެއީ ސައުދީ އަރަބިއްޔާގެ ސަރުކާރުން އަންގައިގެން ނަގާ ފީތަކެއް ނޫންކަމަށްވެސް ސައުދީ އެމްބަސީން މައުލޫމާތު ދީފައިވާ ކަމަށްވެސް ބަޔާނުގައިވެ އެވެ.