Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ހަތް ދައުވާއާ އެކުގައި އަދީބުގެ ޝަރީއަތް މާދަމާ ފަށަނީ

އަދީބު ކޯޓަށް ވަދެވަޑައިގަންނަވަނީ - ފޮޓޯ: ޝުމްބާ ގޮންގް

ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން ހަތް ދައުވާއެއް އުފުލާ މާދަމާ އެމަނިކުފާނުގެ ޝަރީއަތްތައް ފެށުމަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.

އަދީބުގެ މައްޗަށް ދައުޔަތުން ކުރަނީ މަނީ ލޯންޑްރިންގެ ދެ ދައުވާއާ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ހޯދައިދިނުމުގެ ދެ ދައުވާއާއި ހިޔާނާޔްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ އެކެވެ. މި ދައުވާތަކުގެ ޝަރީއަތް މާދަމާ ކްރިމިނަލް ކޯޓުގައި ފެށުމަށް ތާވަލު ކޮށްފައިވަނީ މެންދުރު 2:00 އަށެވެ.

މީގެކުރިން ކްރިމިނަލް ކޯޓުން ވަނީ އަދީބުގެ މައްޗަށް ދެ މައްސަލައެއްގައި ހުކުމް ކޮށްފައެވެ. އެއީ އެއީ ފިސްތޯލައެއް ގެންގުޅުނު މައްސަލައިގައި އިއްވި 10 އަހަރުގެ ހުކުމަކާއި އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ދަތުރުކުރެއްވި ފިނިފެންމާ ލޯންޗްގައި އެއްޗެއް ގޮއްވާލި މައްސަލައިގައި އިއްވި 15 އަހަރުގެ ޖަލު ހުކުމެވެ. އެހެންނަމަވެސް އެ ދެ ހުކުމް އިސްތިއުނާފުގެ މަރުހަލާގެ އެންމެ ފަހު މަރުހަލާގައި ސުޕްރީމް ކޯޓުން ވަނީ ބާތިލްކޮށްފައެވެ.

އެމްއެމްޕީއާރުސީގެ 3.3 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ ތަހުގީގަށް އަދީބާއެކު ހެދި "ތަހުގީގަށް އެއްބާރުލުން ދިނުމުގެ އެއްބަސްވުމު"ގެ ދަށުން އޭނާއަށް އަންނާނީ 20 އަހަރުގެ ހުކުމެއް ކަމަށް ފުލުހުން ވަނީ ވަނީ ދާދިފަހުން ބުނެފަ އެވެ.

މި އެއްބަސްވުމުގެ ސަބަބުން ޅ. މާބިންހުރާ ކުއްޔަށް ދޫކުރުމުގައި ހިޔާނާތްތެރިވެފައިވާ ކަމަށް ބުނެ އަދީބުގެ މައްޗަށް އުފުލާފައިވާ ދައުވާގެ އިސްތިއުނާފު މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ވަނީ ކޯޓުގައި އެދިފައެވެ.

އަދީބުގެ މައްސަލަތައް ކޯޓުގައި ފެށުމަށް ތައްޔާރުވެފައިވާއިރު އަދީބު ވަނީ ހިޔާނާތާ ގުޅިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އެންމެ ފަހުން އުފުލި ދައުވާތަކުގެ ޝަރީއަތް އާއްމުކޮށް ހުޅުވާލައިގެން، ލައިވުކޮށް ދެއްކޭނެ އިންތިޒާމް ހަމަޖައްސައި ދެއްވުމަށް ކޯޓުގައި އެދިފައެވެ.