މިއަދު ކ. ގިރިފުށީގައި ސިފައިން ލައިވް ވަޒަން ބޭނުން ކޮށްގެން ހަދަމުން ދިޔަ ތަމްރީނަކުން އެ ސަރަހައްދުގައި އަޅާފައި އޮތް ސަފާރީއެއްގައި ހުރި މީހެއްގެ ގަޔަށް ލިބުނު އަނިޔާތަކާއި ގުޅިގެން ގިރިފުށީގައި ލައިވް ވަޒަން ބޭނުންކޮށްގެން ތަމްރީނު ހެދުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށް އެމްއެންޑީއެފްއިން މިރޭ ބުނެފި އެވެ.
ގިރިފުށީގެ ތަމްރީނެއްގެ ތެރެއިން ޖެހި ވަޒަނެއް މިއަދު ވަނީ އެ ސަރަހައްދުގައި އޮތް ސަފާރީއެއްގައި ހުރި ޖަރުމަނުގެ ފަތުރުވެރިއެއްގެ ގަޔަށް އަރައި އަނިޔާވެފަ އެވެ. އޭނާއަށް ސީރިއަސް އަނިޔާތަކެއް ނުވީ ނަމަވެސް ހުޅުމާލޭގައި ހުންނަ ޓްރީ ޓޮޕް ހޮސްޕިޓަލުގައި ދެނީ ފަރުވާ ދެމުންނެވެ. އެމްއެންޑީއެފްއިން ބުނީ އެ ވަޒަނަކީ އެހެން ތަނެއްގައިވެސް ޖެހިފައިވާ ވަޒަނެއް ކަމުން އެ ވަޒަނުގެ ބާރު ކެނޑިފައިވާ ކަމަށެވެ. ނަމަވެސް އެ ވަޒަން ގޮސް އެ ފަތުރުވެރިޔާގެ ކަރުގައި ކޭތުނު ކަމަށް އެމްއެންޑީއެންއިން ބުންޏެވެ.
އެ ހާދިސާއާ ގުޅިގެން މާފަށް އެދި އެމްއެންޑީއެފްއިން ނެރުނު ބަޔާނުގައި ބުނީ މިއަދުގެ ހާދިސާ ހިނގީ، އެ ސަފާރީއާ ދިމާލަށް ސީދާ ވަޒަން ޖަހައިގެން ނޫން ކަމަށެވެ. މިއަދުގެ ހާދިސާއަކީ ވަރަށް މަދުން ނޫނީ ނުހިނގާނެ ފަދަ ހާދިސާއެއް ކަމަށްވެސް އެމްއެންޑީއެފްއިން ބުންޏެވެ. ލައިވް ވަޒަން ބޭނުންކޮށްގެން ތަމްރީނުތަކަކީ ކޮންމެހެން ވެސް ބާއްވަން ޖެހޭ ތަމްރީނުތަކެއް ކަމަށާއި ނަމަވެސް އެކަން ކުރުމުގައި އެ ސަރަހައްދުން ދަތުރުކުރާ މީހުންގެ ސަލާމަތް ވަރަށް މުހިންމު ކަމަށް ވެސް އެމްއެންޑީއެފްއިން ބުންޏެވެ.
މިއަދުގެ ހާދިސާއާ ގުޅިގެން މިހާރު ދަނީ ތަހުގީގެއް ހިންގަމުންނެވެ. ލައިވް ވަޒަން ބޭނުން ކުރުން ހުއްޓާލަން އަންގާފައިިވަނީ އެ ތަހުގީގު ނިމެންދެން ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ. ކުރިއަށް އޮތް ތަނުގައި މިފަދަ ހާދިސާއެއް ހިންގިޔަ ނުދިނުމަށް ހަރުދަނާ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް ބުންޏެވެ.
ގިރިފުއްޓަކީ އެމްއެންޑީއެފްއިން ޓްރެއިނިން ސެންޓަރެވެ. މިފަދަ ޓްރެއިނިންތައް ބާއްވާއިރު އެމްއެންޑީއެފްއިން އަބަދުވެސް ދުރާލާ އަންނަނީ މީޑިއާތައް މެދުވެރިކޮށް އިއުލާނުވެސް ކުރަމުންނެވެ.