Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

"އައޯރާގެ ސަބަބުން މި ސަރަހައްދުގައި ރާއްޖެ އަދާކުރާ ދައުރު ހަރުދަނާވާނެ"

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން، އައޯރާގައި ރާއްޖެއިން ރަސްމީކޮށް ބައިވެރިވުމާއިއެކު ރާއްޖެއިން މިސަރަހައްދުގައި އަދާކުރާ ދައުރު، އިތުރުވެ ހަރުދަނާ ވެގެންދާނެކަމަށް ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަންގެ ކައުންސިލް އޮފް މިނިސްޓާސްގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށް ޔޫއޭއީއަށް ފުރާވަޑައިގެންނެވުމުގެ ކުރިން ނޫސްވެރިންނާއި ބައްދަލުކުރައްވާ ޝާހިދުވަނީ، އެ އެސޯސޮއޭޝަން އުފެއްދުމުގައި ރާއްޖެއިން އަދާކުރައްވާފައިވާ ދައުރުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު ފަތުހުﷲ ޖަމީލްގެ ދައުރުގައި އައޯރާ އުފެއްދުމުގައި ރާއްޖެއިން މުހިންމު މަސައްކަތްތަކެއް ކުރައްވާފައިވާކަން މިނިސްޓަރު ޝާހިދު ފާހަގަކުރެއްވިއެވެ.

ފޮރިން މިނިސްޓަރުގެ ދަތުރުފުޅުގައި މާދަމާ އައޯރާގެ މިނިސްޓަރުންގެ ބައްދަލުވުމުގައި ތަގުރީރުކުރެއްވުމަށް ހަމަޖެހިފައިވާއިރު، ރާއްޖެއިން އަލިއަޅުވާލާނީ ސަރަަހައްދުގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، އިންޑިއާކަނޑަށް މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ އަސަރުތަށް ކުޑަކުރުމަށް ވަކާލާތުކުރުމަށްކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ. ރާއްޖެއަކީ މިދާއިރާތަކުން ލީޑަރޝިޕް ރޯލު މިހާރުވެސް އަދާކުރާ ޤައުމެއްކަން ފާހަގަކުރައްވައި މިނިސްޓަރ ޝާހިދު ވިދާޅުވީ، އައޯރާގައި ރާއްޖެއިން ރަސްމީކޮށް ބައިވެރިވުމާއެކު ރާއްޖެއިން މިސަރަހައްދުގައި އަދާކުރާ ދައުރު އިތުރުވެ ހަރުދަނާ ވެގެންދާނެކަމަށެވެ.

އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން "އަޔޯރާ"އަކީ އިންޑިއާ ކަނޑާ ގުޅިފައިވާ ގައުމުތަކުގެ ޖަމްއިއްޔާއެކެވެ. އެ ޖަމިއްޔާ އުފެދިފައިވަނީ 1997ވަނަ އަހަރުގެ މާޗްމަހުގައެވެ. އެ ޖަމިއްޔާ އުފެއްދުމުގެ ހިޔާލު އެންމެ ފުރަތަމަ ފާޅުކުރެއްވީ ދެކުނު އެފްރިކާގެ އޭރުގެ ރައީސް ނެލްސަން މަންޑޭލާ 1995ވަނަ އަހަރު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައެވެ.