މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އިލްޔާސް ހުސައިނަށް ރައްޔިތުން މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ހޫނު ރައްދެއް ދީފިއެވެ.
އިލްޔާސް ރޭ ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވާ އިންތި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމަށް ގެނައީވެސް މާތް ރަސްކަނލާގެ ހެޔޮ ރަހުމަތްފުޅާއި އެކު އެމްޑީޕީން ކުރި މަތިވެރި މަސައްކަތުން ކަމަށެވެ. އަދި މި ވެރިކަން ދަމަހައްޓާނީ ވެސް އެމްޑީޕީގެ މަސައްކަތުން ކަމަށް އޭނާ ވިދާޅުވިއެވެ.
"ތިޔަ ފޭކް ޝެއިހުގެ ދައުރު ސުމެއް. ކޮން ފިތުނައެއް އުފައްދާކަށް،" އިންތިގެ ޓްވީޓުގައި ވިދާޅުވިއެވެ.
އިންތި މިފަދައިން ވިދާޅުވިއިރު އިލްޔާސް ރޭ ކުރެއްވި ޓްވީޓެއްގައި ވަނީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އިސްތަށިފުޅުގައި ވައްކަމުގެ އިލްޒާމް އަޅުއްވާ ވާހަކަފުޅުދެއްކެވިއިރު މަޖިލީހުގެ ރިޔާސަތުންވެސް އަދި މަޖިލީހުގެ މެންބަރުން ހަނު ތިއްބެވުމުން ފާޑު ވިދާޅުވެފައެވެ.
ޖާބިރު ދެއްކެވި ވާހަކައަށް ރައްދުދެއްވާ އިލްޔާސް ކުރެއްވި ޓުވީޓެއްގައި ވަނީ ރައީސް ސޯލިހަކީ ރާއްޖޭގެ ރައްޔިތުން ހޮވާފައި ވާ ރައީސެއް ކަމަށެވެ. އަދި ވަގެއް ކަމަށް ބުނެ އެފަދަ ދޮގު އިލްޒާމެއް، ރައްޔިތުން މަޖިލީހުގެ މެންބަރަކު ރައީސް ސޯލިހުގެ އިސްތަށިފުޅުގައި އަޅުވަމުން ގެންދެވިއިރުވެސް މަޖިލީހުގެ މެންބަރުން ހަނު ތިއްބެވީ ކަމަށެވެ. އަދި އެ އަމަލަކީ ވަރަށް ނާތަހުޒީބު ދަށުދަރަޖައިގެ އަމަލެއް ކަމަށާއި ރައްޔިތުން ހޮވާފައިވާ ވެރިއެއްގެ ދިފާއުގައި ރައްޔިތުން މަޖިލީހުގެ މެންބަރުން ނުނިކުންނެވި ކަމުގައި ވިޔަސް ރައްޔިތުން ނުކުންނާނެ ކަމަށެވެ.
އިއްޔެގެ ރައްޔިތުން މަޖިލީހުގައި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ދެއްކެވި ވާހަކައިގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަގާމުން ދުރުކުރުމަށް އެމްޑީޕީގެ ހުރިހާ އެކްޓިވިސްޓުން އަރިހުން ނުކުތުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ. އަދި އޮޕަރޭޝަންތައް ޖައްސައިގެން ރައީސް މަގާމުން ދުރުކުރުމަށާއި ރައީސް ވަނީ 'ވައްކަން ކުރައްވާފައި' ކަމަށް ޖާބިރު ވަނީ ތުހުމަތު ކުރައްވާފައެވެ.