ހއ. އުލިގަމުގައި އާ އިންޖީނުގެ އެއް އިމާރާތް ކުރުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.
އެ މަސައްކަތް ހަވާލުކުރީ ޓޫއެލް ކޮންސްޓުރަކްޝަން ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާއެވެ. އަދި އެ ކުންފުންޏާއި ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ދެމެދު އިއްޔެ ވަނީ އެކަމާއި ގުޅޭ އެއްބަސްވުމުގައި ވެސް ސޮއިކޮށްފައެވެ.
ޓޫއެލް ކޮންސްޓުރަކްޝަންގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ އިބްރާހީމް ރަޝީދެވެ. ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދެވެ. މި ރަސްމިއްޔާތުގައި އުލިގަމު ހިމެނޭ ދާއިރާ، ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ފެނަކައިން ބުނީ، އުލިގަމުގައި އާ އިންޖީނުގެއެއް އަޅަން ޓޫއެލް ކޮންސްޓުރަކްޝަނާ ހަވާލުކުރީ 5.6 މިލިއަން ރުފިޔާއަށް 170 ދުވަސް ތެރޭގައި ނިންމާ ގޮތަށް ކަމަށެވެ.
އެއީ މިމަހުގެ 13 ވަނަ ދުވަހު އަމަލީ މަސައްކަތް ފަށައި، އަންނަ އަހަރުގެ މޭ އެއްވަނަ ދުވަހަށް ނިންމަންޖެހޭ ގޮތަށެވެ.