Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ދިޔާނާ ކަޓުވާލީ ޖާބިރު: ރޮޒެއިނާ

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ އަނބިކަނބަލުން ފާތިމަތު ދިޔާނާ ސައީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމަށް ރައްޔިތުން މަޖިލީހުގެ މެންބަރުން ވޯޓު ނުދެއްވީ "ޖާބިރު ތެޅޭ ވައްތަރުން" ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒެއިނާ މިފަދައިން ވިދާޅުވެފައި މިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ރޮޒެއިނާއަށް ލިބިވަޑައިގެންނެވި ކަމަށް އިއްޔެގެ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ޖާބިރު ވިދާޅުވުމުން އެކަމަށް ރައްދު ދެއްވާ ކުރެއްވި ޓްވީޓެއްގައެވެ.

ރޮޒެއިނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު އައްޔަން ކުރުމަށް ނެގި ވޯޓުގައި ދިޔާނާ "ކަޓުވާލަން" ރޮޒެއިނާ މަސައްކަތްކުރި ކަމަށް ތުހުމަތުކޮށް މަޖިލީހުގެ ސައި ކޮޓަރީގައި އޭނާއާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ދިމާލަށް ޖާބިރު ހަޅޭއްލެވި ކަމަށެވެ. އަދި މަޖިލީހުގެ ތަޅުމަށް ޖާބިރު ވަޑައިގެން ރޮޒެއިނާއަށް ވަގަށް ގޮވުމަކުން ދިޔާނާ މަގާމަށް ނުލެވޭނެ ކަމަށް ވެސް ރޮޒެއިނާ ވިދާޅުވިއެވެ.

"ދިޔާނާ ކަޓުވާލީ ޖާބިރު. ޖާބިރު އުޅޭ ވައްތަރުން ދިޔާނާއަށް ވޯޓުދޭން މީހުން ބިރުގަތީ،" ރޮޒެއިނާ ވިދާޅުވިއެވެ.

މީގެއިތުރުން ރޮޒެއިނާ ވަނީ އޭނާއަށް ވަގަށް ގޮވަންޖެހޭ އެއްވެސް ސަބަބެއް ޖާގައެއް ނެތް ކަމަށާއި އޭނާއާ ގުޅޭ ގޮތުން ތަހުގީގެއް ހިންގާނެ ޖާގައެއްވެސް ނޯންނާނެ ކަމަށް ވިދާޅުވެފައެވެ. މަޖިލީހުގައި އަލްކަހޯލް ބްރީތު ޓެސްޓު ހެދޭނެ ނިޒާމެއް ބެހެއްޓުން ވަރަށް މުހިއްމު ކަމަށާއި އެހެން ގައުމުތަކުގައިވެސް އެފަދަ ޓެސްޓު ރެންޑަމްކޮށް ހަދާ ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

އިންތިގާލީ އިންސާފުގެ ބިލަށް މަޖިލިހުގައި އިއްޔެ ބަހުސް ކުރައްވައި ޖާބިރު ވިދާޅުވީ ރޮޒެއިނާގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް އެމްއެމްޕީއާރުސީގެ ފައިސާގައި ޖެހިވަޑައިގެންފައިވާ ކަމަށެވެ. އެހެންވެ، މަޖިލިހުން ރައީސާއި ރޮޒެއިނާގެ މައްސަލަ ބަލަން ޖެހޭ ކަމަށް ޖާބިރު ވިދާޅުވި އެވެ. ޖާބިރު ވަނީ ދެ ބޭފުޅުންގެ މައްސަލަ ބަލައިދިނުމަށް އެދި މަޖިލިހަށް ސިޓީއަކުން ހުށަހަޅުއްވައިފަ އެވެ.

ޖާބިރު އެދިވަޑައިގެންފައި ވަނީ މަޖިލިހުން އެ މައްސަލަ ބެލުމަށް ފަހު، ޚިޔާނާތް ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ރިޔާސީ ކޮމިޝަނަށް އެކަން ހުށަހަޅައި ދިނުމަށެވެ. ޖާބިރު ތުހުމަތު ކުރެއްވި ގޮތުގައި ރޮޒެއިނާ ވަނީ ޚިޔާނާތުގެ ފައިސާ ބޭނުން ކުރައްވައިގެން ގެސްޓްހައުސްއެއް އަޅުއްވައިފަ އެވެ.

ޖާބިރު ވިދާޅުވީ ރޮޒެއިނާގެ މައްސަލަ ބަލާ އިރު، އޭނާގެ ފިރިކަލުން، ކިނބިދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ނާޝިޒަށް މާލިއްޔަތު ކޮމިޓީގައި މަސައްކަތް ކުރެއްވުމުގެ ފުރުސަތު ލިބިގެން ނުވާނެ ކަމަށެވެ.