Last Updated: May 3, 06:00
Friday, May 3, 2024
ކޮލަމް

ހެޔޮއެދުމުގެ ދެތިން ބަހެއް

އައްޑުއަތޮޅުގެ ދަރިންކުރެ ޤައުމީ ރޫޙާއި ތަރައްޤީގެ ޙިޔާލު އުފެދިފައިވާ ޒުވާނުން ޖަމާއަތެއް ގުޅިގެން މިފަދަ މަސައްކަތެއް ކުރުމަށް އިސްނެގި ހިނދު އެކަމަށް ތަރުޙީބުދޭ ދުވަސްވީ މީހެއްގެ ޙައިސިއްޔަތުން ދެތިންބަހެއް ދަންނަވާލުމަކީ މިފުރުޞަތުގައި އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއްކަމުގައި ދެކެމެވެ.

ތިޔަފެށްޓެވީ އަޅުގަނޑުގެ ނަޒަރުގައި ވަރަށްވެސް މުހިއްމު މަސައްކަތެކެވެ. މިއަދުގެ މި މުޖުތަމަޢަށް ހަމަ ކޮންމެހެން ބޭނުންވެފައިވާ މަސައްކަތެކެވެ. އަޅުގަނޑުމެން ކަހަލަ މީހުން އަބަދުވެސް ދެކެން ބޭނުންވާ މަސައްކަތެކެވެ. އެހެންކަމުން، ވަރަށް ހަރުދަނާ، ވަރަށް ރަނގަޅު ބިންގަލެއްގެ މަތީގައި، މިއަތޮޅުގެ ކުރިމަގު ބިނާކުރުމުގެ މަތިވެރި ވިސްނުމުގައި އިޙްލާސްތެރި ނިޔަތަކާއި އަހުރަވެތި އަޒުމަކާއެކު ތިޔަ ފެށްޓެވި މަސައްކަތް ޒަމާންތަކަށް ދެމިގެން ދާތަން ފެނުމަކީ ވަރަށްބޮޑަށް އަޅުގަނޑު އެދޭ އެދުމެކެވެ.

އަޅުގަނޑުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން، ވަގުތާއި ޙާލަތު ދަންދޭ އެންމެ ފުރިހަމައަށް ތިޔަ މަސައްކަތަށް ލިބެމުންދާނެއެވެ. އަޅުގަނޑަށް ދިރިއުޅުމުގައި ކުރެވިފައިވާ ތަޖުރިބާތަކާއި ދުނިޔޭން ލިބިފައިވާ ފިލާވަޅުތައް އަބަދުވެސް މިނޫހުގެ ޒަރީޢާއިން ކިޔުންތެރިންނަށް ހަދިޔާ ކޮށްދެވޭތޯ މަސައްކަތް ކުރަމުންދާނަމެވެ. މިމަސައްކަތުގައި ﷲ ގެ މަދަދާއި ތައުފީޤް އެދެމުން މި ނޫހުގެ ގާތް އެކުވެރިއެއްގެ ގޮތުން ދެމިހުންނާނަމެވެ.

މިފުރުޞަތުގައި އަޅުގަނޑު އެދެނީ، މިނޫހަކީ، މިނޫހުގެ ސަބަބުން މިއަތޮޅުގެ ރައްޔިތުންގެ ދޭދޭ ފަރުދުންގެ ދެމެދު ގެއްލިފައިވާ އުޙުއްވަތްތެރިކން ޤާއިމް ކޮށްދޭ ނޫހަކަށް ހައްދަވައި ދެއްވުމަށެވެ. އުވިގެއްލެމުންދާ އަތޮޅުގެ ސަޤާފަތް އަލުން އާ ރޫޙަކާއެކު ތަރޯތާޒާ ކޮށްދިނުމަށެވެ. ހިތްހެޔޮކަމާއެކު އެކަކު އަނެކާއާއި ބައްދަލުކޮށް ސަލާމްކަލާމް ކުރަން މަގުފަހިކޮށްދިނުމަށެވެ. މިކަންކަން ކުރެވޭނީ މިނޫން މެދުވެރިކޮށް ދީނީ ދުނިޔަވީ، ސަޤާފީ އިޖްތިމާޢީ، މަޢުނަވީ ބަހަވީ ހުރިހައި ދާއިރާތަކަށް މަޢުލޫމާތު ދެވިގެންނެވެ.

އެހެންކަމަށްވުމާއެކު، އަޅުގަނޑު ކަހަލަ ހަރު މުސްކުޅިންނާއި، ޒަމާނުގެ ތަޢުލީމު ލިބިވަޑައިގެން ތިއްބެވި ޢިލްމީ ދަރިންނާއި، ދިނީ ތަޢުލީމަށް ފުންނާބު އުސް އުސްތާޛުންގެ މަދަދާއި އެހީ އަޅުގަނޑު ހިތުން މިކަމަށް ނުހަނު ބޭނުންވާނެއެވެ. އެބޭބޭފުޅުންގެ ޤާބިލު ލިޔުއްވުންތަކުން އަޅުގަނޑު ކުރިން މިދެންނެވި ކަހަލަ ހަރުދަނާ މުޖުތަމަޢެއް މިއަތޮޅުގައި އުފެއްދިދާނެއެވެ.

އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަމުންވެސް މި ނޫސް ވުޖޫދަށް ގެނައުމަށް މަސައްކަތް ކުރައްވާ ހުރިހާ ފަރާތްތަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަމެވެ. މާތް ﷲގެ ވާގިފުޅާއެކު ތިޔަ ފެއްޓެވި މަސައްކަތުގައި ބަރަކާތް ލެއްވުން އެދި ދުޢާކުރަމެވެ.