ވިދަމުން އަންނަ ޒުވާން ދެ ތަރިން ކަމަށްވާ އަރުޖުން ކަޕޫރާއި އާލިއާ ބަޓް ލީޑް ރޯލް ކުޅޭ "2 ސްޓޭޓްސް" އަންނަ އަހަރުގެ އެޕްރީލް 18 ގައި ރިލީޒް ކުރާ ގޮތަށް ހަމަޖައްސައިފި އެވެ.
އިންޑިއާގެ މަޝްހޫރު ލިޔުންތެރިޔާ އަދި "3 އިޑިއަޓްސް" އާއި "ކައި ޕޯ ޗޭ" ފަދަ ފިލްމްތަކުގެ ވާހަކަ ލިޔެފައިވާ ޗެތަން ބަގަތުގެ ވާހަކަ "2 ސްޓޭޓްސް" އަށް ބިނާކޮށް ހަދާ މި ފިލްމަކީ ކަރަން ޖޯހަރު އާއި ސާޖިދް ނަދިއަދުވާލާގެ ޖޮއިންޓް ޕްރޮޑަކްޝަނެކެވެ.
"2 ސްޓޭޓްސް" ޑައިރެކްޓަރަކީ އަބިޝެކް ވަރުމަން އެވެ. މިއީ އޭނާގެ ފުރަތަމަ ޑައިރެކްޝަން ވެސް މެ އެވެ.
ގިނަ ބަޔަކު މިހާރު ވެސް އިންތިޒާރު ކުރަމުން އަންނަ މި ފިލްމަކީ ތަމަޅަ އަންހެން ކުއްޖަކާއި ހިންދީ ފިރިހެން ކުއްޖެެއްގެ ކައިވެނީހެ ވާހަކަތައް ކިޔައިދޭ ފިލްމެކެވެ.
އެގޮތުން ދެ ސަގާފަތެެއްގެ އެ ދެ ޒުވާނުން ކައިވެންޏާ ހަމަައަށް ދާން ކުރަން ޖެހޭ މަސައްކަތް "2 ސްޓޭޓްސް" ގައި ވަރަށް ފުރިހަމަ އަށް ކިޔައި ދޭނެ އެވެ.
މިއީ ކަރަން ޖޯހަރުގެ "ސްޓޫޑަންޓް އޮފް ދި ޔެއާ" އިން ބޮލީވުޑަށް ތައާރަފްވި އާލިއާ އާއި އަރުޖުން އެކުގައި ކުޅޭ ފުރަތަމަ ފިލްމެވެ. އަދި އާލިއާގެ ތިން ވަނަ ފިލްމެވެ.
އޭނާގެ ދެވަނަ ފިލްމް އިމްތިއާޒް އަލީ ޑައިރެކްޓްކޮށް ރަންދީޕް ހޫޑާ އާ އެކު ލީޑް ރޯލް ކުޅެފައިވާ "ހައިވޭ" ސިނަމާތަކަށް އަންނާނީ ޑިސެމްބަރު 13 ގަ އެވެ.