އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު މަރުހޫމް ޑރ.އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލާގައި މަރު ކޮމިޝަނުން ކޮށްފައިވާ ތަހުގީގު ރިޕޯޓު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އެ ކޮމިޝަނުން ފޮނުވައިފިއެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17ވަނަ ދުވަހު ރައީސް ސޯލިހު އުފެއްދެވި މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނީ ޑރ. އަފްރާޝީމް އަވަހާރަ ކޮށްލި މައްސަލަ ރިޔާސީ ކޮމިޝަނުން ބަލާ ނިންމި ގޮތުގެ ރިޕޯޓު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.
އަފްރާޝީމް އަވަހާރަކޮށްލި މައްސަލަ ކޮމިޝަނުން ތަހުގީގު ކުރަމުން އަންނައިރު އެ ކޮމިޝަނުގެ ރައީސް ހުސްނު ސުއޫދު މިދިޔަ މަހުގެ ދެވަނަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ މައްސަލައާ ގުޅޭ މައުލޫމާތު ހާމަކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އެގޮތުން ހާމަކުރާނެ މައުލޫމާތުތަކުގެ ތެރޭގައި މިކަން މީހުންގެ މައުލޫމާތާއި އަދި މިކަން ރޭވި މީހުންގެ މައުލޫމާތު ހިމެނޭނެ ކަމަށް ސުއޫދު ވިދާޅުވިއެވެ. އެހެންނަމަވެސް އޮކްޓޫބަރު މަސް ނިމިގެން ދިޔައިރުވެސް އެކަމެއް ހާމައެއް ކުރެވިފައެއް ނުވެއެވެ.
މިދިޔަ ސެޕްޓެމްބަރު މަސް ތެރޭގައި މަރު ކޮމިޝަނުން ވަނީ އަފްރާޝީމްގެ މަރާ ގުޅޭ ގޮތުން އެ ކޮމިޝަނުން ބަލަމުންދާ މައްސަލައިގެ ބޮޑުބައެއް ނިމިފައިވާ ކަމަށްވެސް ބުނެފައެވެ.
މަޝްހޫރު ދީނީ އިލްމުވެރިޔާ އަފްރާޝީމް އަވަހާރަކޮށްލީ 2013 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ރޭ 1:30 ހާއިރު އޭނާ ދިރިއުޅުއްވި ގޭ، ހ. ފުންވިލުގެ ސިޑިގޮޅި ކައިރީގައެވެ.
އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގައި ދައުލަތުން ދެމީހެއްގެ މައްޗަށް ދައުވާ ކުރި ނަމަވެސް އޭގެތެރެއިން ދައުވާ ސާބިތުވީ ހުސައިން ހުމާމްގެ މައްޗަށް އެކަންޏެވެ.