Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

މާބިންހުރާ މައްސަލަ ޕީޖީން އަނބުރާ ގެންގޮސްފި

އަހުމަދު އަދީބު

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރުގެ މައްޗަށް ދައުލަތުން ކުރި ހިޔާނާތުގެ ދައުވާގެ އިސްތިއުނާފު ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުން އަނބުރާ ގެންގޮސްފިއެވެ.

މި މައްސަލަ އަނބުރާ ގެންދިއުމުން ސުޕްރީމް ކޯޓުން ވަނީ އެ މައްސަލައިގެ ދައުވާ ފޯމު ބާތިލު ކޮށްފައެވެ. އެ މައްސަލައަކީ
ޅ. މާބިންހުރާ ކުރެއްދޫ ހޯލްޑިންގްސްއަށް ކުއްޔަށް ދީގެން ދައުލަތަށް ލިބެން ޖެހޭ އެކުއިޒިޝަން ކޮސްޓްގެ ފަސް މިލިއަން ޑޮލަރަށް އަދީބު ހިޔާނާތްތެރިވި މައްސަލައިގައި 2016 ވަނަ ކްރިމިނަލް ކޯޓުން އިއްވާފައިވާ އަށް އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު މައްސަލައެވެ.

ސުޕްރީމް ކޯޓުން ބުނީ އެމައްސަލައިގެ ދައުވާ ފޯމު ބާތިލުކުރީ ޕީޖީ އޮފީހުން އެމައްސަލަ އަނބުރާ ގެންދަން ނިންމައި އެކަން އެ ކޯޓަށް އެންގުމުން ކަމަށެވެ. ސުޕްރީމް ކޯޓުން އެމައްސަލައިގެ ދައުވާ ފޯމު ބާތިލުކޮށްފައިވާއިރު އަދީބުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ހަތް ދައުވާއެއްގެ މައްސަލަ މިހާރު ކްރިމިނަލް ކޯޓުގައި މިއަދު ވަނީ ފަށައިފައެވެ.

އަދީބުގެ މައްޗަށް ދައުޔަތުން ކުރަނީ މަނީ ލޯންޑްރިންގެ ދެ ދައުވާއާ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ހޯދައިދިނުމުގެ ދެ ދައުވާއާއި ހިޔާނާޔްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ އެކެވެ.

މީގެކުރިން ކްރިމިނަލް ކޯޓުން ވަނީ އަދީބުގެ މައްޗަށް ދެ މައްސަލައެއްގައި ހުކުމް ކޮށްފައެވެ. އެއީ އެއީ ފިސްތޯލައެއް ގެންގުޅުނު މައްސަލައިގައި އިއްވި 10 އަހަރުގެ ހުކުމަކާއި އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ދަތުރުކުރެއްވި ފިނިފެންމާ ލޯންޗްގައި އެއްޗެއް ގޮއްވާލި މައްސަލައިގައި އިއްވި 15 އަހަރުގެ ޖަލު ހުކުމެވެ. އެހެންނަމަވެސް އެ ދެ ހުކުމް އިސްތިއުނާފުގެ މަރުހަލާގެ އެންމެ ފަހު މަރުހަލާގައި ސުޕްރީމް ކޯޓުން ވަނީ ބާތިލްކޮށްފައެވެ.

އެމްއެމްޕީއާރުސީގެ 3.3 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ ތަހުގީގަށް އަދީބާއެކު ހެދި "ތަހުގީގަށް އެއްބާރުލުން ދިނުމުގެ އެއްބަސްވުމު"ގެ ދަށުން އޭނާއަށް އަންނާނީ 20 އަހަރުގެ ހުކުމެއް ކަމަށް ފުލުހުން ވަނީ ވަނީ ދާދިފަހުން ބުނެފަ އެވެ. މާބިންހުރާ މައްސަލަވެސް އަނބުރާ ޕީޖީން ގެންގޮސްފައިވަނީ މި އެއްބަސްވުމުގެ ދަށުންނެވެ.

އަދީބުގެ މައްސަލަތައް ކޯޓުގައި މިއަދު ފަށާފައިވާއިރު އޭނާވަނީ އެ ޝަރީއަތްތައް ލައިވްކޮށްގެން ކުރިޔަށް ގެންދިއުމަށް އެދިފައެވެ. އެހެންނަމަވެސް ގާޒީ ވަނީ އެކަމާއި ދެކޮޅު ހައްދަވާފައެވެ. އެހެންނަމަވެސް ދައުލަތުންނާއި އަދީބުގެ ފަރާތުން ދެއްކި ވާހަކައަށްފަހު ގާޒީ ވަނީ އެކަން އަލުން މުރާޖާ ކުރުމަށް ނިންމާފައެވެ.