Last Updated: July 25, 18:05
Saturday, July 25, 2026
ޚަބަރު

އަސްލަމް އާއި ޝިފާޒުގެ ބަހުސެއް ބާއްވަނީ

އެމްޑީޕީގެ ނައިބް ރައީސް ކަމުގެ މަގާމަށް ވާދަކުރައްވާ މުހައްމަދު އަސްލަމް އާއި މުހައްމަދު ޝިފާޒު މެދުގައި ބަހުސެއް ބޭއްވުމަށް ނިންމައިފިއެވެ.

ރާއްޖޭގެ އަމިއްލަ ޓީވީ ސްޓޭޝަނެއްކަމަށްވާ ރާއްޖެޓީވީން ބުނީ ނޮވެމްބަރު މަހުގެ 15 ވާ ހުކުރު ދުވަހުރޭ 9:00 ގައި ދެ ކެންޑިޑޭޓުންގެ މެދުގައި ބަހުސެއް ބޭއްވުމަށް އެއްބާރުލުން ދިނުމަށް އެދި އެމްޑީޕީއަށް ސިޓީއަކުން ހުށަހަޅާފައިވާ ކަމަށެވެ.

ނޮވެމްބަރު 22 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ރައީސާއި ނައިބް ރައީސްގެ ހޮވުމުގެ އިންތިހާބަށް ކެންޑިޑޭޓުން ތައްޔާރުވަމުން އަންނަ އިރު އެމްޑީޕީގެ ރައީސަކަށް ވާދަކުރައްވަނީ މިހާރުގެވެސް ރައީސް މުހައްމަދު ނަޝީދުއެވެ.

ނައިބް ރައީސްގެ މަގާމަށް ވާދަ ކުރައްވަނީ އަސްލަމް އާއި ޝިފާޒެވެ. މި ދެކެންޑިޑޭޓުން ތާއިދު ހޯދުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރު ކުރައްވަމުންދާއިރު އެމްޑީޕީގެ އިސް ބައެއް ބޭފުޅުންނާއި ރައީސް ނަޝީދު ގެންދަވަނީ މުހައްމަދު އަސްލަމްއަށް ތާއިދުކޮށް ކެމްޕެއިން ކުރައްވަމުންނެވެ.