ގާނޫނުތައް ފަރުމާ ކުރާ ތަނަށް ގާބިލު މީހުން އިންތިހާބު ކުރެވޭނެ ގޮތް ނުހަދާ ކައުންސިލްތަކަށް ގާބިލު މީހުން އިންތިހާބު ކުރާނެ ގޮތުގެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް ކަމަށް ރައްޔިތުން މަޖިލީހުގެ މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.
ކުރީގެ ޑިފެންސް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ މިހާރުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާނޫނު ހަދާ ތަނަށް ގާބިލު މީހުން އިންތިހާބު ކުރެވޭނެ ގޮތެއް ނުރާވާ ކައުންސިލްތަކަށް ގާބިލު މީހުން އައްޔަން ކުރުމުގެ ވާހަކަ ދައްކާނެ ކަމެއް ނެތް ކަމަށެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް އަންނަ ބޮޑުބަދަލު ހެޔޮގޮތުގައި ތަންފީޒު ކުރެވިގެންދާނީ މޭޔަރާއި، ރަށްރަށުގެ ކައުންސިލް ރައީސުން އިންތިޙާބް ކުރުމުގައި ގާބިލް މީހުންނަށް ފުރުސަތު ދީގެން ކަމަށް އެލްޖީއޭއިން ބުނުމުންނެވެ.
ސަރުކާރުގެ އެންމެ ބޮޑު އެއް ވައުދަކީ ކައުންސިލްތައް ބާރުވެރިވެރި ކުރުވުމެވެ. އެގޮތުން ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ވަނީ ގިނަ އިސްލާހުތަކެއްވެސް ހުށަހަޅާފައެވެ. އޭގެތެރެއިން ދައުލަތުގެ ބަޖެޓުގެ 5 ޕަސެންޓު ކައުންސިލްތަކަށް ދޭ ގޮތަށް ނިންމުމާއި ފަސް މިލިއަނަށްވުރެ ކުޑަ މަޝްރޫއުތައް ކައުންސިލްތައް އަމިއްލައަށް ހިންގުން ހިމެނެއެވެ.