Last Updated: June 10, 00:02
Tuesday, June 9, 2026
ޚަބަރު

ޖިންސީ ގޯނާ ކުރި މީހަކު 10 އަހަރަށް ޖަލަށް

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު 10 އަހަރަށް ޖަލަށްލުމަށް އައްޑޫ ސ. ހުޅުދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފި އެވެ.

މި މައްސަލައިގައި ހުޅުދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފައި ވަނީ ހުޅުދޫ، ބީޗްހައުސް، އަޙްމަދު ޙުމައިދު، 21، ގެ މައްޗަށެވެ.

މިދިޔަ މަހުގެ 27 ވަނަ ދުވަހު ހުޅުދޫ މެޖިސްޓްރޭޓް ކޯޓުން އަޙްމަދު ޙުމައިދު ގެ މައްޗަށް ހުކުމްކޮށްފައި ވަނީ 2012 މެއި 07 ވަނަދު ވަހުގެ 13:15 ހާއިރު މަގުމަތިން ހިނގާފައި ދިޔަ ދެ އަންހެން ކުދިންގެ ތެރެއިން އެއް ކުއްޖެއްގެ އުރަމަތީގައި ހިފި މައްސަލަ އާ ގުޅިގެންނެވެ.

މި މައްސަލައިގައި ހުޅުދޫ މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ ހުކުމުގައި ބަޔާންކޮށްފައިވަނީ އެ އަންހެންކުއްޖާގެ އުރަމަތީގައި އަޙްމަދު ޙުމައިދު ސައިކަލުގައި ދަމުން ހިފިކަމަށް ޝަރީޢަތުގައި ބުނާތީއާއި، އަދި އަޙްމަދު ޙުމައިދު އެ އަންހެން ކުއްޖާގެ އުރަމަތީގައި ހިފިތަން ދުއްކަމަށް ދެން ހުރި އަންހެންކުއްޖާ ޝަރީޢަތުގައި ބުނެފައިވާތީވެ، ޤާނޫނު ނަމްބަރ 2009/12 (ކުޑަކުދީންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލު ކުރުމުގެ ޤާނޫނު) ގެ 03 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެމާއްދާގެ (ނ) ގެ ދަށުން އަޙްމަދު ހުމައިދުގެ މައްޗަށް ކުޑަކުއްޖަކާ އެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ މިދަޢުވާއަށް، ދަޢުވާލިބޭ އަޙްމަދު ހުމައިދު އިންކާރުކުރިނަމަވެސް ކުޑަކުދީންނަށް ޖިންސީ ގޯނާކުރާ މީހުންނާއިމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލު ކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާގައި ބަޔާން ކުރައްވާފައިވާ ގޮތުގެ މަތިން ދަޢުލަތުގެ ފަރާތުން އަޙްމަދު ޙުމައިދުގެ މައްޗަށް ހުށަހެޅިފައިވާ ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ ހެކީންގެ ހެކިބަހުން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި މިކުށުގެ ޢުޤޫބާތެއްގެ ގޮތުން ކުޑަކުދީންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލު ކުރުމުގެ ޤާނޫނުގެ 03 ވަނަ މާއްދާގެ (ނ) ގެ ދަށުން އަޙްމަދު ޙުމައިދު 10 އަހަރަށް ޖަލަށް ލުމަށް ޙުކުމް ކުރީ ކަމަށެވެ.

މި މައްސަލަ ފުލުހުން ތަޙުޤީޤު ކުރުމަށް ފަހު ދައުވާ ކުރަން ޕްރޮސެކިޔުޓަ ޖެނެރަލް (ޕީޖީ) އަށް ފޮނުވާފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ 9 ވަނަ ދުވަހު އެވެ.