ގާނޫނު އަސާސީއަށް ބޯލަބަން ނުޖެހޭ އެއްވެސް ބާރެއް ދިވެހި ދައުލަތުގައި ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، މިރޭ ވިދާޅުވެއްޖެ އެވެ.
ފަންސާސް ދެވަނަ ވަނަ ޖުމްހޫރީ ދުވަސް ފާހަގަ ކުރުމަށް މިރޭ ދަރުބާރު ގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، ގާނޫނު އަސާސީގެ 5 ވަނަ މައްދާގައިވާ ގޮތުން އޮންނާނީ ދުސްތޫރީ ސިޔާސަތެއް ކަމަށާއި ގާނޫނު އަސާސީއަށް ވުރެ މަތީގައި އެއްވެސް ފަރާތަކަށް ނުހުންނެވޭނެ ކަމަށެވެ. އެމަނިކުފާނު ވެސް ހިމެނިވަޑައިގަންނަވާ ގޮތުން ގާނޫނު އަސާސީއަށް ވުރެ މަތީގައި ދައުލަތުގެ އެއްވެސް ބާރެއްގެ ވެރިއަކަށް ނުހުންނެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"އަދި ގާނޫނު އަސާސީއަށް ބޯލަބަންނުޖެހޭ އެއްވެސް ބާރެއް ދިވެހި ދައުލަތުގައި ނޯންނާނެ. މާތްﷲގެ ވާގިފުޅާއެކު އަޅުގަނޑު މަސައްކަތް ކުރަމުން މި އަންނަނީ މި ދެންނެވި ހަގީގަތް ގަބޫލުކޮށްގެން ހުރެ ގާނޫނު އަސާސީ ދެމެހެއްޓުމަކީ އަޅުގަނޑުގެ އެންމެ އިސް ވާޖިބުކަމުގައި ދެކި ހުރެ." ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުގެ ހުރިހާ ކަމެއް ވެސް ތަރުތީބުކޮށް އިންތިޒާމްކޮށްފައި ހުންނަން ވާނީ ރައްޔިތުން އެދޭ ފެންވަރަށް ޚިދުމަތް ދިނުމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުން ގާނޫނުތައް ހަދަން ޖެހޭނީ ވެސް ރައްޔިތުންގެ އަސާސީ ހައްގުތައް ހިމާޔަތް ކުރެވި އެންމެ މަތީ މަސްލަހަތު ރައްކާތެރި ކުރެވޭނެ ގޮތަށް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިވަގުުތު އޮތް އެންމެ ބޮޑު މައްސަލައަކީ ހުރިހާ ބާރުތަކެއް މާލެއަށް ޖަމާކޮށްފައިވުން ކަމަށެވެ. އެކަން ނިމުމަކަށް ގެނައުމަށް ސަރުކާރުން ލާމަރުކަޒީ ނިޒާމަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ލާމަރުކަޒީ ނިޒާމް ހަރުދަނާކޮށް ރަށްރަށުގެ ކައުންސިލްތަކަށް ބާރު ދިނުމަށް ގާނޫނަށް ބަދަލު ގެނައުމަށް ހުށައަޅާފައިވާ ކަމަށެވެ.
އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ 35.7 ބިލިއަން ރުފިޔާގެ ބަޖެޓާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓް އެކުލަވާލާފައިވާނީ ވެސް ދުނިޔޭގެ އިގްތިސޯދަށް އަންނަ ބަދަލުތަކަށް ވިސްނައި، ރާއްޖޭގެ އިގްތިސޯދު ކުރިއަރާނެ މިންވަރަށް ބަލައި، ދަރަނި އަދާކުރެވޭނެ ކަމުގެ ޔަގީންކަމާ އެކު، ފުރިހަމައަށް ތަންފީޒު ކުރެވޭނެ ބަޖެޓެއްގެ ގޮތުގައި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.