ރާއްޖޭގެ ކަންކަން މިހާރު ހިނގަމުންދާ ގޮތުން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ވައްތަރުވެގެން ދަނީ ބަރުލަމާނީ ނިޒާމަކާއި ކަަމަށާއި މިހާރު ހިނގަމުންދަނީ އަސްލު ރިޔާސީ ނިޒާމެއް ނޫން ކަމަށް ކުރީގެ ރައީސް، އަދި ސަރުކާރު ކޯލިޝަން އެމްއާރްއެމްގެ އިންތިގާލީ ރައީސް، ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީއިން މިއަދު ގެނެސްދިން "ފަށާއިރު" ޕްރޮގްރާމްގައި މައުމޫން ވިދާޅުވީ ރާއްޖޭގައި މިހާރު ރިޔާސީ ނިޒާމެއް އޮތް ނަމަވެސް ބަރުލަމާނީ ސިފަތައް ރިޔާސީ ނިޒާމްގެ ތެރެއިން ފެންނަމުންދާ ކަމަށެވެ.
އެގޮތުން ސަރުކާރުން ކުރާ ކޮންމެ ކަމެއް އެ ދުވަހުން އެ ދުވަހަކަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިގެން ވޯޓަށް ނަގާ މީހުން ގެނެސް ސުވާލުކުރުމަކީ އެކަން ކުރެވޭ ގޮތެއް ނޫން ކަަމަށް ރައީސް މައުމޫން ވިދާޅުވިއެވެ. ރައީސް މައުމޫން ވިދާޅުވާ ގޮތުގައި ނިޒާމުގައި އޮންނަން ޖެހޭނީ ތިން ބާރު ވަކިވެފައި ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ ހުދޫދުތަކެއް ކަނޑަނޭޅުމުން ވަކި ހިސާބަކުން މަސްހުނި ވެގެންދާނެ ކަމަށެވެ. ރާއްޖެއަށް އެއްގޮތަކަށްވެސް ބަރުލަމާނީ ނިޒާމަކީ "ކަމުދާނެ" ނިޒާމެއް ނޫންކަން ފާހަގަކުރައްވާ ރައީސް މައުމޫން ވިދާޅުވީ ރާއްޖެއަށް ރިޔާސީ ނިޒާމެއް ކަމަށެވެ.
ރައީސް މައުމޫން މިފަދައިން ވިދާޅުވިއިރު ސަރުކާރު ހިންގާ މައިޕާޓީ އަދި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެންމެ ބޮޑަށް ވަކާލާތު ކުރައްވަމުން ގެންދަވާ ނިޒާމަކީ ބަރުލަމާނީ ނިޒާމެވެ. ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއްތޯ ނުވަތަ ބަރުލަމާނީ ނިޒާމެއްތޯ ބެލުމަށް ނެގި ވޯޓުގައިވެސް އޭރުވެސް ރައީސް މައުމޫނާއި އެމަނިކުފާނުގެ ފިކުރަށް ތާއީދު ކުރެއްވި ހުރިހާ ފަރާތްތަކުން އޭރު ތާއީދު ކުރެއްވީ ރިޔާސީ ނިޒާމަކަށެވެ. އެހެންނަމަވެސް އޭރުވެސް އެމްޑީޕީން ތާއީދު ކުރެއްވީ ބަރުލަމާނީ ނިޒާމަކަށެވެ.