Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ސުޕްރީމްކޯޓު އެސްޖީ މަގާމުން ވަކިކުރާ މައްސަލަ ބަލަނީ

ޖޭއެސްސީގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ / ސަން

‎ސުޕްރީމް ކޯޓްގެ ސެކްރެޓަރީ ޖެނެރަލް ޑރ. ހުސައިން ފާއިޒު މަގާމުން ވަކިކުރަން އުޅޭ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ނިންމައިފިއެވެ.

‎މ މައްސަލަ ބަލަން ނިންމާ އެ ކޮމިޝަނުން ވަނީ އެ މައްސަލަ އަންނަ ބުދަ ދުވަހަށް އެޖެންޑާކޮށްފި އެވެ.

‎ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސުޕްރީމް ކޯޓްގެ ސެކްރެޓަރީ ޖެނެރަލްގެ މަސައްކަތަަށް ހުަރަސް އަޅައި އޭނާ ޑީޖޭއޭއާ އެއްވެސް މުއާމަލާތެއް ކޮށްފިނަމަ ވަޒީފާއިން ވަކި ކުރާނަ ކަމުގެ އިންޒާރު އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ދެއްވާ ކަމަށް ބަޔާންކޮށް އެ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ

‎ސުޕްރީމް ކޯޓުގެ އެސްޖީއަށް ބިރުދައްކާ ކަަމަށްބުނެ މައްސަލައެއް ޖޭއެސްސީއަށް ހުށަހެޅުމުން އެކަމާއި ގުޅިގެން އުއްތަމަ ފަނޑިޔާރުގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމާފައިވާއިރު ޖޭއެސްސީން ބުނީ މި ހަފުތާގައި ސެކްރެޓަރީ ޖެނެރަލް ފާއިޒު ވަޒީފާއިން ވަކި ކުރަން މަސާއްކަތް ކުރަމުންދާ މައުލޫމާތު ކޮމިޝަނަށް ލިބިފައިވާތީ އެ ކޮމިޝަނުގެ ބުދަ ދުވަހުގެ ޖަލްސާއަށް އެ މައްސަލަ އެޖެންޑާކޮށްފައިވާ ކަމަށެވެ.

‎ޖޭއެސްސީގެ ގާނޫނަށް ގެނެސްފައިވާ އިސްލާހާއި ގުޅިގެން އުއްތަމަ ފަނޑިޔާރާއި ސުޕްރީމްކޯޓުގެ އެސްޖީއާ ދެމެދު ވަނީ މައްސަލަތަކެއް ފެންމަތިވެފައެވެ.