ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲއާ ގުޅޭ ގޮތުން ބަލަމުންދާ ސުލޫކީ މައްސަލައިގެ ތަހުގީގުގެ އަޑުއެހުން މިއަދު ކެންސަލް ކޮށްފިއެވެ.
ޖޭއެސްސީން މިއަދު ބުނީ އެ އަޑުއެހުން ކެންސަލް ކުރީ ފަނޑިޔާރު އާދަމް މުހައްމަދު ހާޒިރުވުމަށް އުޒުރުވެރިވާތީ ކަމަށެވެ. މި އަޑުއެހުން ކުރިން ތާވަލުކޮށްފައި އޮތީ މިއަދުގެ މެންދުރުފަހު 15:00އަށެވެ.
މި މައްސަލައިގެ އެންމެފަހުން ބޭއްވި އަޑުއެހުމުގައި ވަނީ ފަނޑިޔާރު އާދަމް އަށް ވަކީލަކު ހޯދުމަށް އެންމެފަހު ފުރުސަތު ދީފައެވެ. އަދި ދެން އޮންނަ އަޑުއެހުމަށް ވަކީލަކު ހާޒިރުވެ ވަޑައިނުގެންނެވި ނަމަވެސް އަޑުއެހުން ކުރިއަށްގެންދާނެ ކަމަށް މައްސަލަ ބަލާ ޖޭއެސްސީގެ ކޮމިޓީން ވަނީ ބުނެފައެވެ.
ފަނޑިޔާރު އާދަމްގެ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދަނީ އާންމުކޮށް ހުޅުވާލައިގެންނެވެ. އެގޮތަށް ޖޭއެސްސީން ނިންމީ އެ މައްސަލަ އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިޔުމަށް ފަނޑިޔާރު އާދަމް މުހައްމަދު އެދިވަޑައިގެންފައިވާތީއެވެ.
ފަނޑިޔާރު އާދަމް މުހައްމަދާ ގުޅޭގޮތުން ޖޭއެސްސީން ބަލަމުން އަންނަނީ ސުޕްރީމް ކޯޓުގެ އިހްތިސާސްގެ ބޭރުން ނިންމާފައިވާ މައްސަލަތަކެކެވެ.