ޝަރުއީ ކޯޓުތަކުގެ ފަނޑިޔާރުންނާ ގުޅޭ 200 އަށްވުރެ ގިނަ ޝަކުވާ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބަލަމުން އަންނަ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.
އިނގިރޭސި ބަހުން ޖޭއެސްސީން ނެރެފައިވާ މި ބަޔާނުގައި ބުނެފައިވަނީ ޖޭއެސްސީގެ ގާނޫނަށް މިހާރު ގެނެސްފައިވާ އިސްލާހަށްފަހު އެ ކޮމިޝަނަށް ގިނަ އަދަދެއްގެ މައްސަލަތަކެއް ބެލުމަށް އާއްމު ފަރާތްތަކުން ހުށަހަޅާފައިވާ ކަމަށެވެ. އޭގެތެރޭގައި ޖިންސީ ފުރައްސާރައިގެ މައްސަލަތަކާއި ކޮރަޕްޝަނުގެ މައްސަލަތަކާއި މަގާމުގެ ނުފޫޒު ބޭނުން ކުރުމުގެ މައްސަލަތަކުގެ އިތުރުން ޖުޑިޝަރީގެ ދައުރުން ބޭރުން ކަންތައްތައް ކުރުން ފަދަ މައްސަލަތައް ހިމެނޭ ކަމަށް ޖޭއެސްސީގެ ބަޔާނުގައި ބުނެފައިވެއެވެ.
ޖޭއެސްސީން ބުނީ ސުޕްރީމް ކޯޓުގެ ހަތަރު ފަނޑިޔާރެއްގެ ޖުމްލަ 51 މައްސަލައެއް ބަލަމުންދާ ކަމަށެވެ. އެގޮތުން:
• އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީގެ 18 މައްސަލައެއް
• ފަނޑިޔާރު އަބްދުﷲ އަރީފްގެ 14 މައްސަލައެއް
• ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲގެ 16 މައްސަލައެއް
• ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދުގެ ތިން މައްސަލައެއް
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ގުޅޭ ގޮތުން ހުށަހެޅިފައިވާ މައްސަލަތަކަކީ އާންމުން އެތައް އަހަރުތަކެއް ވަންދެން ކުރަމުން އަންނަ ތުހުމަތުތަކެއް ކަމަށް އެ ކޮމިޝަނުން ބުންޏެވެ. އަދީ ޔޫއެންގެ ސްޕެޝަލް ރެޕެޓުއާ ގެބްރިއެލާ ނޯލް 2013 ވަނަ އަހަރު ތައްޔާރު ކުރި ރިޕޯޓުންނާއި ސައުތް އެފްރިކާގެ ކުރީގެ ފަނޑިޔާރު ޔޯހާން ކްރީގްލާ މި އަހަރުގެ ތެރޭގައި ތައްޔާރު ކުރި ރިޕޯޓުގައިވެސް ފާހަގަކޮށްފައިވާކަންކަން ކަމަށް އެ ކޮމިޝަނުން ބުންނެވެ.
ޖޭއެސްސީއިން ބުނީ، އެ ކޮމިޝަނުގެ ގާނޫނަށް ގެނެސްފައިވާ ބަދަލުތަކަށް ބޯލަނބަން އުއްތަމަ ފަނޑިޔާރު ދެކޮޅުހަދަމުންދާ ކަމަށެެވެ. އަދި ސުޕްރީމް ކޯޓުގެ ސެކެޓްރީ ޖެނެރަލް ޑރ. ހުސެއިން ފާއިޒަށް މަސައްކަތުގައި ހުރަސް އަޅާ ކަމަށާއި، އޭނާ މަގާމުން ވަކި ކުރަންވެސް އުއްތަމަ ފަނޑިޔާރު އިންޒާރު ދީފައިވާ ކަމަށް ޖޭއެސްސީއިން ބުންޏެވެ.
ޖޭއެސްސީން ބުނީ ގާޒީން ސުލޫކީ މިންގަނޑާ ހިލާފުވެފައިވާ ކަމުގެ ތުހުމަތުގައި ހުށަހެޅޭ ކޮންމެ މައްސަލައެއް އެ ކޮމިޝަނުން ތަހުގީގު ކުރާނެ ކަމަށްވެސް ބުނެފައެވެ.