ހައިކޯޓުގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި މުހައްމަދު ނިޒާމްގެ ސުލޫކީ މައްސަލަތަކެއް ފާހަގަކޮށް، އޭނާއަށް ފިޔަވަޅު އަޅަން ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނިންމައިފިއެވެ.
ނިޒާމުގެ މައްސަލަތަކެއް ފެންމަތިވެފައި މިވަނީ އޭނާގެ ފޭސްބުކް އެކައުންޓުން ކުރާ ޕޯސްޓުތަކާއި ގުޅިގެން އާއްމު ފަރާތުން ޖުޑިޝަރީ ކޮމެޓީއަށް އޭނާގެ މައްސަލައެއް ހުށަހެޅުމުންނެވެ. އަދި ކޮމެޓީން ވަނީ އެކަން ޑީޖޭއޭއަށް ފޮނުވުމަށް ނިންމާފައެވެ.
އެ މައްސަލަ ބަލަން ފެށުމުން ނިޒާމް ވަނީ އޭނާގެ ފޭސްބުކް އެކައުންޓް ހެކްކޮށްފައިވާ ކަމަށް ބުނެފަ އެވެ. ނަމަވެސް ޑީޖޭއޭއިން ބެލި ބެލުމުން އެ އެކައުންޓް ހެކްކޮށްގެން އެއްވެސް ފަރާތަކަށް ނިޒާމް ޝަކުވާ ހުށަހަޅާފައެއް ނުވެ އެވެ.
އެކަން ބެލުމަށްފަހު ޑީޖޭއޭއިން މިހާރު ވަނީ ކޮމިޓީއަށް ރިޕޯޓް ފޮނުވާފަ އެވެ. އެ ރިޕޯޓްގައި ބުނެފައިވަނީ ނިޒާމްގެ އަމަލަކީ ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވައިދުގެ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއް ކަމަށެވެ. އެހެންވެ އޭނާއަށް ފިޔަވަޅު އެޅުމަށް ހިއުމަން ރިސޯސް ކޮމިޓީއަށް ހުށަހަޅަން ވަނީ ނިންމާފަ އެވެ. އަދި ނިޒާމްގެ އެކައުންޓް ބޭނުން ކުރަނީ އޭނާތޯ ނޫންތޯ ބެލުމަށް ކަމާބެހޭ އިދާރާއަށް ހުށަހަޅަން ވެސް ޑީޖޭއޭއިން ވަނީ ނިންމާފަ އެވެ.
ނިޒާމަކީ މީގެކުރިން އެމްއެންޑީއެފްގައި މަސައްކަތްކުރި މީހެކެވެ. އޭނާގެ ފޭސްބުކްގައި ސިޔާސީ ގިނަ ޕޯސްޓުތަކެއް ކޮށްފައިވެއެވެ. އެގޮތުން ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ބޭ އަދަބީ ބަހުން ކޮށްފައިވާ ޕޯސްޓުތަކަކާއި އުއްތަމަ ފަނޑިޔާރާއި ޖޭއެސްސީގެ ކޯޅުން ގަނޑާއި ގުޅޭ ގޮތުން ޕޯސްޓުތަކެއް ކޮށްފައިވެއެވެ. އެގޮތުން އުއްތަމަ ފަނޑިޔާރު ދިފާއުކޮށް އޭނާ ވަނީ ގިނަ ޕޯސްޓުތަކެއް ކޮށްފައެވެ.
ނިޒާމު ވަނީ 2018ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންގެ ކެމްޕެއިންގައި ބައިވެރިވެފައެވެ. އަދި އޭނާ ހައިކޯޓަށް އައްޔަންކުރީ ޓްރާންސިޝަން ޕީރިއަޑުގެ ތެރޭގައެވެ.