Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ޔާމީންގެ މައްސަލަ އަލުން ބަލާކަށް އަދި ނުނިންމާ

ކްރިމިނަލް ކޯޓް. ފޮޓޯ: ވީނިއުސް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ މައްސަލައިގެ އަޑުއެހުންތައް އަލުން ބެލުމާއި މެދު އަދި ގޮތެއް ނުނިންމާ ކަމަށް ކްރިމިނަލް ކޯޓުން ބުނެފިއެވެ.

ކްރިމިނަލް ކޯޓުން މިފަދައިން ބުނެފައި މިވަނީ ރައީސް ޔާމީންގެ މައްސަލަ ފަނޑިޔާރުންގެ ބެންޗަކުން ބަލައި ދިނުމަށް އެދި އެމަނިކުފާނުގެ ފަރާތުން ހުށަހެޅުމުން އެކަން އެގޮތަށް ކުރުމަށް ކްރިމިނަލް ކޯޓުން ނިންމާފައިވުމުން ބައެއް މީޑިއާތަކުގައި އަލުން މައްސަލަ ބަލަން ނިންމާފައިވާ ކަމަށްބުނެ އަޑުތައް ފެތުރެމުންދާ ދަނޑިވަޅެއްގައެވެ.

ނަމަވެސް ކުރިމިނަލް ކޯޓާ ހަވާލާދީ، ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން މައުލޫމާތު ދިން ގޮތުގައި މިހާތަނަށް މައްސަލަ އަލުން ބެލުމަށް ނުވަތަ މައްސަލަ މިހާރު އޮތް ހިސާބުން ކުރިއަށް ގެންދިޔުމާމެދު ވެސް ވަކި ގޮތެއް ކަނޑައަޅާފައެއް ނުވެ އެވެ. އެކަމާމެދު ގޮތެއް ކަނޑައަޅާނީ މައްސަލަގެ ބެންޗުން ކަމަށް ވެސް އެ ކޯޓުން މައުލޫމާތުދެ އެވެ.

މީގެކުރިން ރައީސް ޔާމީންގެ މައްސަލަ ބަލަމުން ދިޔައީ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމެވެ. އެހެންނަމަވެސް އެމަނިކުފާނު މިހާރު ހުންނެވީ ޖޭއެސްސީން ބެލި މައްސަލައަކާއި ގުޅިގެން ސަސްޕެންޝަނުގައެވެ. އަދި ކްރިމިނަލް ކޯޓު ހިންގެވުން ވަނީ އެކޯޓުގެ ގާޒީ އަލީ ރަޝީދާއި ހަވާލު ކުރައްވާފައެވެ. ހައިލަމް ސަސްޕެންޑުކުރެއްވީ ރައީސް ޔާމީންގެ މައްޗަށް ހުކުމް ކުރުމަށް އޮތް ދުވަހުއެވެ.

އޭނާ ސަސްޕެންޑްކުރީ ނަސްރުގެ ދުވަހުގެ ތަހުނިޔާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނެއް ޖަހާފައިވާ ކުރެހުމަކާއެކު ކުރިމިނަލް ކޯޓުގެ އެތެރޭގެ ވައިބާ ގުރޫޕަކަށް ފޮނުއްވި މައްސަލާގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިންނެވެ.

ކްރިމިނަލް ކޯޓުން ބުނީ މި މައްސަލަ ބެލުމަށް ބެންޗެއް އެކުލަވަލާފައިމިވަނީ ޔާމީންގެ ފަރާތްޕުޅުން އެކަމަށް އެދިފައިވާތީ އާއި މައްސަލައިގެ ޒާތަށާއި ބާވަތަށާއި މައްސަލައިގެ ވަށައިގެންވާ އެންމެހާ ކަންކަމަށް ރިއާޔަތް ކުރުމަށްފަހު ކަމަށެވެ.

އެގޮތުން ޔާމީންގެ މައްސަލަ ބެލުމަށް އެކުލަވާލި ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ގާޒީ އަލީ ރަޝީދު ހުސެއިން، ގާޒީ އަހުމަދު ޝަކީލާއި މުހައްމަދު ސަމީރާއި އަލީ އާދަމް އަދި ހުސެއިން ފާއިޒް ރަޝާދެވެ.

ޔާމީންގެ ޝަރީއަތުގެ އަޑުއެހުމެއް މި މަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާ ޝަރީއަތް މީގެކުރިން ކުރިއަށް ގެންގޮސްފައިވަނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމްއެވެ. ނަމަވެސް އެ މައްސަލައިގެ ހުކުމް އިއްވުމަށް ހަމަޖެހިފައި އޮތް ދުވަހު ޖުޑީޝަލް ސާވިސް ކޮމިޝަނުން ވަނީ ހައިލަމް ސަސްޕެންޑު ކޮށްފައެވެ. އެއާއެކު އެ ދުވަހު ބާއްވަން ހަމަޖެއްސި އަޑުއެހުން ވެސް ވަނީ ކެންސަލްކޮށްފައެވެ.

ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވަނީ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑު ކިޔާ ކުންފުންޏަކުން ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކޮށްފައި ވާތީއެވެ.