ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ގާނޫނަށް ސަރުކާރުން ގެނެސްފައިވާ އިސްލާހުތައް ތަންފީޒު ކުރުމަށްޓަކައި ޑިޕާޓުމަންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އަށް މިހާރު ހިމަނާފައިވާ ބަޖެޓަށްވުރެ ބޮޑު ބަޖެޓެއް ބޭނުންވާ ކަމަށް އެ ޑިޕާޓުމަންޓުން ބުނެފިއެވެ.
އެކަމާއި ގުޅިގެން ޑީޖޭއޭގެ އިސްވެރިން މިއަދު ވަނީ ބަޖެޓު ދިރާސާ ކުރާ ކޮމެޓީއަށް ހާޒިރުކޮށް، ބަޖެޓާއި ގުޅޭ ގޮތުން މަޝްވަރާ ކޮށްފައެވެ. މި ބައްދަލުވުމުގައި ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ޑރ. އަބްދުﷲ ނަޒީރު ވަނީ ކޯޓުތަކުގެ ހާލަތާއި ޖޭއެސްސީގެ ގާނޫނަށް ގެނައި އިސްލާހުތައް ތަންފީޒު ކުރުމަށް ބޭނުންވާ ކަންކަން ހިއްސާ ކުރައްވާފައެވެ.
އެގޮތުން ޑރ. ނަޒީރު ވަނީ ކްރިމިނަލް ކޯޓުގެ ހާލަތު ކޮމެޓީގެ މެންބަރުންނާއި ހިއްސާ ކުރައްވާފައެވެ. އޭނާ ވިދާޅުވީ ކްރިމިނަލް ކޯޓަކީ ދޭތެރެ ދޭތެރެއިން މިހާރުވެސް ފެން ފައިބަމުން އަންނަ ކޯޓެއް ކަމަށާއި ދާދިފަހުންވެސް ކަތުރުފަނި އަޅައިގެން އެ ކޯޓު ބަންދުވެސް ކުރި ކަމަށެވެ. ޕްލޭނިން މިނިސްޓްރީން ފިޒިކަލް ޓެސްޓެއް ހަދައި، އެ ތަނުގައި މީހުން ތިބުން ރަނގަޅު ނޫން ކަމަށް ލަފައެއް ދީފައިވާ ކަމަށް ނަޒީރު ވިދާޅުވިއެވެ.
ޖޭއެސްސީގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުގައި ކޮންމެ ކޯޓެއްގައި ވެސް ޗީފް އެޑްމިނިސްޓްރޭޓަރަކު ހުންނަން ޖެހޭއިރު، 149 ކޯޓުގެ ތެރެެއިން ގިނަ ކޯޓުތަކުގައި ސީނިއާ އެޑްމިން އޮފިސަރެއް ވެސް ނެތް ކަމަށް ޑރ. ނަޒީރު ވިދާޅުވިއެވެ. އަދި ކޮންމެ ކޯޓަކަށް ޗީފް އެޑްމިނިސްޓްރޭޓަރެއް ހޯދުމަކީ ބޮޑު ހަރަދެއް ހިނގާނެ ކަމެއް ކަމަށާއި އެގޮތުން އެ މަސައްކަތް ތިން އަހަރަށް ބަހާލައިގެން ކުރެވޭނެ ގޮތަށް ފިނޭންސް މިނިސްޓްރީއާ އެކުގައިވެސް މަޝްވަރާ ކޮށްފައިވާނެ ކަމަށް ޑރ. ނަޒީރު ވިދާޅުވިއެވެ.
އެގޮތުން އަންނަ އަހަރަށް 71 ކޯޓަކަށް ޗީފް އެޑްމިނިސްޓްރޭޓަރަކު ހޯދަން ބޭނުންވާއިރު އެކަމަށް އެކަނިވެސް 12 މިލިއަން ބަޖެޓުގައި އޮތް ނަމަވެސް އެ ފަރާތްތަކަށް ދޭނެ މުސާރަ ނެތް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ 37.5 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓުގައި ޑީޖޭއޭއަށް ކަނޑައަޅާފައިވަނީ 508 މިލިއަން ރުފިޔާއެވެ. އެހެންނަމަވެސް އެ އިދާރާއިން ވަނީ އިތުރު 71 މިލިއަން ރުފިޔާ ދިނުމަށް ސިޓީއަކުން ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައެވެ.