Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ކައުންސިލްތަކުގެ ދައުރު 5 އަހަރަށް ބަދަލުކުރަން ކޮމެޓީން ނިންމައިފި

ލާމަރުކަޒު ކޮމެޓީގެ ބައްދަލުވުމެއް ކުރިއަށްދަނީ -- ފޮޓޯ / މަޖިލިސް

ލޯކަަލް ކައުންސިލްތަކުގެ ދައުރު ފަސް އަހަރަށް ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީން އިއްޔެ ފާސްކޮށްފި އެވެ.

މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ހިތަދޫ އުތުރު ދާއިތާގެ މެމްބަރު މުހައްމަދު އަސްލަމެވެ. އަސްލަމް ހުށަހެޅުއްވި ގާނޫނުއަސާސީގައި ކައުންސިލްތަކުގެ ދައުރު ކަމަށް ބަޔާންކޮށްފައިވާ ތިން އަހަރު ފަސް އަހަރަށް ބަދަލު ކުރާށެވެ. މަޖިލީހުގެ ތަޅުމުން މި އިސްލާހު ފާސްވެއްޖެ ނަމަ އަންނަ އަހަރު އޮންނަ ކައުންސިލް އިންތިހާބުގައި ކައުންސިލަރުން އިންތިހާބު ކުރާނީ ފަސް އަހަރުގެ ދައުރަކަށެވެ.

ގާނޫނުއަސާސީއަށް އިސްލާހު ހުށަހެޅުމުގެ އިތުރުން ލާމަރުކަޒީ ގާނޫނަށްވެސް ވަނީ ގިނަ އިސްލާހުތަކެއް ހުށަހަޅާފައެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ސަރުކާރުން ހުށަހަޅާ އިޞްލާހުތަކުގެ ތެރޭގައި ކައުންސިލުތަކަށް އާމްދަނީ އިތުރުވާނެ ގޮތްތައް ހިމަނާފައިވެއެވެ. އެގޮތުން މީހުން ދިރުއުޅޭ ރަށްރަށުގައި ހުންނަ ބިންތަކުގެ ކުލީގެ ސައްތައިން ސައްތަ އެ ރަށެއްގެ ކައުންސިލަކަށް ލިބޭގޮތަށް ހަމަޖެއްސުން ހިމެނެއެވެ. އަދި 5 މިލިޔަނަށްވުރެ ދަށުގެ ޕީއެސްއައިޕީ މަޝްރޫޢުތައް ސެކްޓޯރަލް ގްރާންޓުގެ ގޮތުގައި ރަށު ކައުންސިލުތަކަށް ބަދަލުކުރުމަށް މި އިޞްލާޙުގައި ހިމެނެއެވެ.

މީގެއިތުރުން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބާރުތަކާއި މަސްއޫލިއްޔަތުތައް ބަދަލުކުރުމަށްވެސް ޤާނޫނަށް ގެނައި އިޞްލާހު ތަކުގައި ހިމަނާފައިވެއެވެ. އެގޮތުން ކައުންސިލުތަކުގެ ދައުރު 5 އަހަރަށް ބަދަލުކުރުމާއި ކައުންސިލުތަކުގެ ގޮނޑީގެ 33 އިންސައްތަ އަންހެނުންނަށް ޚާއްޞަކުރުމާއި ސިޓީ ކައުންސިލުތަކުގެ މޭޔަރުންނާއި އަތޮޅު ކައުންސިލާއި ރަށު ކައުންސިލުތަކުގެ ރައީސުން ރައްޔިތުންގެ ވޯޓުން އިންތިޚާބުކުރާގޮތަށް ހަމަޖެއްސުން ހިމެނެއެވެ.

ޤާނޫނަށް ގެންނަ އިޞްލާޙުގައި ކައުންސިލުތަކުގެ ސަރަޙައްދުގެ އިޚްތިޞާޞްގައިވާ އެންމެހާ ޤުދުރަތީ އަދި އުމުރާނީ ވަޞީލަތްތަކާއި ބިނާތަކާއި ނުއުފުލޭ ހަރުމުދާ ކައުންސިލުތަކުގެ މިލްކުވެރިކަމަށް ބަދަލުކުރުމަށް ވެސް ހިމަނާފައިވެއެވެ.

މި އިޞްލާޙުގައި ކައުންސިލުތަކަށް، ސެކްރެޓަރީ ޖެނެރަލްގެ މަޤާމު އުފެއްދުމާއި ސެކްރެޓަރީ ޖެނެރަލްގެ ވަޒީފާ ހަމަޖެއްސުމުގައި ކައުންސިލުގެ ދައުރެއް އޮންނަންޖެހޭނެ ކަމަށް ކަނޑައެޅުން ހިމެނެއެވެ. މީގެއިތުރުން ފެނާ ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތް އެކައުންސިލަކުން އަމިއްލައަށް ފޯރުކޮށްދިނުން ނުވަތަ ތިންވަނަ ފަރާތެއް މެދުވެރިކޮށް ފޯރުކޮށްދިނުމަށް އެގްރީމެންޓް ކުރުމުގެ ބާރު ކައުންސިލުތަކަށް ދިނުންވެސް އިޞްލާޙުގައި ހިމަނާފައިވެއެވެ.

ލާމަރުކަޒީ ޤާނޫނަށް ހުށަހަޅާ އިޞްލާޙުގައި ކައުންސިލުތައް އިތުރަށް ޒިންމާދާރުކުރުމަށް މާއްދާތައް ހިމަނާފައި ވުމުގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މަސްއޫލިއްޔަތު ބަޔާންކުރުމާއި ކޮމެޓީގެ މެންބަރުންނަށް އެކަށީގެންވާ އުޖޫރައެއް ކަނޑައެޅުންފަދަ ކަންކަން މި އިޞްލާހުގައި ހިމެނެއެވެ.