Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ރޭގެ އެކްސިޑެންޓުވިއިރު މަންޒަރު ދުށް މީހުންގެ އެހީއަށް އެދިއްޖެ

ރޭ ހުޅުމާލޭގައި އެމްޓީސީސީގެ ބަހަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުވި މަންޒަރު ފެނުނު މީހުންގެ އެހީތެރިކަމަށް ފުލުހުން އެދިއްޖެއެވެ.

ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން މިއަދު ބުނީ އެކްސިޑެންޓުވި މަންޒަރު ފެނުނު ފަރާތެއް ވާނަމަ ފުލުހުންގެ ނަންބަރު 9911099 އަށް ގުޅައި މައުލޫމާތު ހިއްސާކޮށްދިނުން އެދޭ ކަމަށެވެ.

ރޭ 22:40 ހާއިރު ހުޅުމާލެ ނިރޮޅުމަގުން އައިސް ބްރިޖު ހައިވޭއަށް އަރާ ހިސާބުގައި ހިނގި މި އެކްސިޑެންޓުގައި 13 އަހަރުގެ ކުޑަ އަންހެން ކުއްޖަކުވެސް ވަނީ ނިޔާވެފައެވެ. އެކްސިޑެންޓުގައި ނިޔާވީ ކ. ތުލުސްދޫ، ބޮނަސޭރާ، ފާތިމަތު އަންޖުމް ޝަފީގެވެ. މިއީ ދެމަފިރިއަކަށް ލިބިފައިވާ ހަމައެކަނި ދަރިއެވެ.

އެކްސިޑެންޓު ހިނގިއިރު ސައިކަލު ދުއްވަން އިނީ ނިޔާވި އަންޖުމްގެ މަންމައެވެ. އޭނާއަކަށް މާބޮޑު ގެއްލުމެއް ނުލިބެއެވެ.

މި އެކްސިޑެންޓާ ގުޅިގެން އެމްޓީސީސީން ބުނެފައި ވަނީ އެކްސިޑެންޓު ހިނގިކަން ޑްރައިވަރާއި ބަސް ކޮންޑަކްޓަރުގެ އިތުރުން ބަހުގައި ތިބި ފަސިންޖަރުންނަށް ވެސް ނޭނގޭ ކަމަށެވެ. އަދި ބަހުގައި ކޫރުމެއް ވެސް އެޅިފައި ނުވާ ކަމަށް އެމްޓީސީސީން ބުނެއެވެ.

އެކްސިޑެންޓާ ގުޅިގެން ފުލުހުން އަންނަނީ ބަސް ދުއްވަން އިން މީހާ ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރަމުންނެވެ.