ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އުތުރު ޕްރޮވިންސްގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ހަވާލުކުރި ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ދޭން ޖެހޭ ފައިސާ ތިން ދުވަހުގެ ތެރޭގައި ދައްކަން ސިވިލް ކޯޓުން ދައުލަތަށް އަންގައިފިއެވެ.
ދީބާޖާއަށް ބަދަލުގެ ގޮތުގައި ފައިސާ ދިނުމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމުން އެކަން ތަންފީޒު ކުރުމުގެ މައްސަލަ މިދިޔަ މެއި މަހުގެ ތެރޭގައި ސިވިލް ކޯޓުގައި ފެށިއެވެ. އެގޮތުން މިއަދު ވަނީ އެ މައްސަލައިގެ އަޑުއެހުމެއް ބާއްވާފައެވެ.
ސިވިލް ކޯޓުން މިފަދައިން އަންގާފައިވާއިރު ދީބާޖާ އިންވެސްޓުމަންޓަށް ބަދަލުގެ ގޮތުގައި ދަޢުލަތުން ދޭންޖެހޭ ފައިސާ ކަމަށްބުނެ ސިވިލް ކޯޓުން ކުރައްވާފައިވާ ޙުކުމާއި އެއްގޮތަށް ފައިސާ ދައްކާނެ ގޮތަކާއި މެދު ހުށަހެޅުންތައް ހުށަހެޅުމަށް އިތުރު ފުރުޞަތެއް ދިނުމަށް އެދުމުން ދަޢުލަތަށް މީގެކުރިން ސިވިލް ކޯޓުން ވަނީ ދެ ހަފްތާގެ މުއްދަތެއްވެސް ދީފައެވެ. ސިވިލް ކޯޓުން މިގޮތަށް މިއަދު އަންގާފައި މިވަނީ އޭގެ އެތައް ދުވަހެއް ފަހުންނެވެ.
ސިވިލް ކޯޓުން ވަނީ ބަދަލުގެ ގޮތުގައި ދޭންޖެހޭ 348.10 މިލިއަން ރުފިޔާގެ ތެރެއިން ތިންބައިކުޅަ އެއްބައި ރަސްމީ ބަންދު ނޫން ތިން ދުވަހުގެ ތެރޭގައި ދެއްކުމަށް ދައުލަތަށް އަންގާފައެވެ. އެ ފައިސާގެ ތިންބައިކުޅަ އެއްބަޔަކީ 116 މިލިއަން ރުފިޔާއެވެ.
މިއަދުގެ އަޑުއެހުމެއް މީގެކުރިން އޮތީ ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާވެސް ހާޒިރުކުރާ ގޮތަށެވެ. އެހެންނަމަވެސް ނަހުލާ ކޯޓަށް ހާޒިރުވެވަޑައިގެންނެވި ކަމެއް ނުވަތަ ނޫން ކަމެއް ނޭނގެއެވެ.
އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް ދީބާޖާއާ އެކު ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުން ހެދި އެއްބަސްވުން ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދުގެ ސަރުކާރުން ވަނީ އުވާލައިފައެވެ.
އެ އެއްބަސްވުން އުވާލުމާ ގުޅިގެން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ދީބާޖާ އިން ސިވިލް ކޯޓަށް ހުށަހެޅުމުން 348 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދައްކަން ދައުލަތުގެ މައްޗަށް 2014 ގައި ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އެ ހުކުމް މިއަހަރުގެ އޭޕްރީލް މަހު ސުޕްރީމް ކޯޓުން ވެސް ވަނީ ދަމަހައްޓާފައެވެ.