Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ސަރުކާރުން ކުރާ ބައެއް ވިޔަފާރިތައް އާއްމުންނަށް ދޫކޮށްލަނީ

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު

ސަރުކާރުން ކުރާ ބައެއް ވިޔަފާރިތައް އަންނަ އަހަރުގެ ތެރޭގައި އާއްމު ފަރާތްތަކަށް ދޫކޮށްލާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

މިކަން ކުރުމަށް ސަރުކާރުން ނިންމާފައި މިވަނީ ސަރުކާރުން ވިޔަފާރިކުރުން މަދުކުރުމުގެ ސިޔާސަތުގެ ދަށުންނެވެ.

އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓުގެ ބަހުސް މަރުހަލާގައި މަޖިލީހުގައި ވާހަކަ ދައްކަވަމުން އަމީރު ވިދާޅުވީ، ސަރުކާރުގެ ކުންފުނިތައް ބަހާފައި ވަނީ ދެ ބަޔެކަށް ކަމަށާއި އެއީ އާންމުންނަށް ކޮންމެހެން މުހިންމު ހިދުމަތް ދޭ ކުންފުނިތަކާއި ސަރުކާރު ހިއްސާ ވެގެން ވިޔަފާރީ ކުރާ ކުންފުނިތައް ކަމަށެވެ.

އަމީރު ވިދާޅުވީ އާއްމުންނަށް ހިދުމަތް ދޭ ކުންފުނިތައް ބެހެއްޓުމަށްފަހު ވިޔަފާރުކުރާ ކުންފުނިތައް ޕްރައިވެޓައިޒު ކުރުމުގެ ވިސްނުން ސަރުކާރުގައި އެބަހުރި ކަމަށެވެ. އަދި އެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަމީރު ވަނީ ކުންފުނިތައް ޕްރައިވެޓައިޒް ކޮށްގެން ލިބޭ އާމްދަނީ ބަޖެޓުގައި ފެންނަން ނެތް ސަބަބުވެސް މެންބަރުންނަށް ހިއްސާ ކުރައްވާފައެވެ. އެގޮތުން މިނިސްޓަރު ވިދާޅުވީ އެކަން އެގޮތަށް ބަޖެޓުގައި ފެންނަން ނެތީ އެކަމާ ގުޅޭ ދިރާސާތައް ނުނިމޭތީ ކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައިވެސް ވަނީ ވިޔަފާރިކުރާ ބޮޑެތި ކުންފުނިތަކުގެ ހިއްސާތައް ބޭރުގެ ފަރާތްތަކަށް ވިއްކާލައިފައެވެ. އެގޮތުން ދިރާގާއި ފެން ކުންފުނިީގެ ހިއްސާ ވަނީ ބޭރުގެ ފަރާތްތަކަށް ވިއްކާލައިފައެވެ.