ސުޕްރީމް ކޯޓުން ހިންގުން އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފާ ހަވާލު ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ން މިއަދު ނިންމައިފި އެވެ.
ސުޕްރީމް ކޯޓުގެ ހިންގުން ފަނޑިޔާރު އަރީފާއި ހަވާލުކުރައްވާފައި މިވަނީ ޖޭއެސްސީން ބެލި މައްސަލަތަކަކާ ގުޅިގެން އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ސަސްޕެންޑްކޮށް، އެމަނިކުފާނު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ނިންމާފައި ވަނިކޮށެވެ. އުއްތަމަ ފަނޑިޔާރުގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު ވެސް ސަސްޕެންޑްކޮށް، އޭނާ ވެސް ވަކިކުރަން މަޖިލީހަށް ފޮނުވަން ނިންމައިފަ އެވެ.
ޖޭއެސްސީން ބުނީ މި ދެ ބޭފުޅުން ފަނޑިޔާރު ކަމުގެ މަގާމުން ވަކިކުރަން މަޖިލީހަށް ހުށަހަޅަން ޖޭއެސްސީން ނިންމީ، އެ ދެ ބޭފުޅުންނާ ގުޅޭގޮތުން ކޮމިޝަނުން ތަހުގީގުކުރި ސުލޫކީ މައްސަލަތަކާ ގުޅިގެން ފަނޑިޔާރެއްގެ ކިބައިގައި ހުރުން ލާޒިމުކުރާ ސުލޫކީ ސިފަތައް ނެތިގެންދާ ފަދަ އަމަލުތަކެއް އެ ދެ ބޭފުޅުން ކޮށްފައިވާ ކަމަށް ޖޭއެސްސީގެ ތަހުގީގު ކޮމިޓީއަށް ފެންނާތީ ކަމަށެވެ.
އަދި އެ ދެ ބޭފުޅުންގެ މައްޗަށް ސާބިތުވެފައިވާ ކަންކަމަކީ ފަނޑިޔާރުކަމުގެ މަގާމާ އެކަށީގެންނުވާ ފަދަ އަމަލުތަކެއް ކަމަށް ވާތީ މި ދެ ބޭފުޅުން މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމީ ކަމަށް ޖޭއެސްސީން ބުނެއެވެ.
މީގެއިތުރުން ޖޭއެސްސީން ވަަނީ މި ދެ ބޭފުޅުން 60 ދުވަހުގެ މުއްދަތަށް މަގާމުން ސަސްޕެންޑު ކުރުމަށް ވެސް ނިންމާފައެވެ. އެ ބޭފުޅުން ސަސްޕެންޑު ކުރަނީ އެ ބޭފުޅުންނާ ގުޅޭގޮތުން ބަލަމުންދާ މައްސަލަތަކުގެ ބާވަތަށް ބަލައި ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ ގޮތުން ކަމަށް ޖޭއެސްސީން ބުނެއެވެ.
މި ދެ ފަނޑިޔާރުންގެ އިތުރުން ސުޕްރީމް ކޯޓުގެ އިތުރު ދެ ފަނޑިރާރެއްގެ ސުލޫކީ މައްސަލަ ވެސް ޖޭއެސްސީންް އަންނަނީ ތަހުގީގު ކުރަމުންނެވެ. އެގޮތުން އެ ދެ ފަނޑިޔާރުންގެ މައްސަލާގައި ތަހުގީގު ރިޕޯޓު އެކުލަވާލައި މިހާރު އެ ރިޕޯޓަށް ޖަވާބުދާރީވުމަށް ފުރުސަތު ދެއްވާފައިވާ ކަމަށް ޖޭއެސްސީން ހާމަކުރެއެވެ. އޭގެތެރޭގައި ފަނޑިޔާރު އަރީފުގެ މައްސަލައެއްވެސް ހިމެނެއެވެ.
ފަނޑިޔާރު އަރީފާ ސުޕްރީމް ކޯޓުން ހިންގުން ހަވާލު ކުރެއްވިއިރު، އޭނާ މިއަދު ވަނީ ޖޭއެސްސީގެ ރައީސް ކަމުން އިސްތިއުފާ ދެއްވައިފަ އެވެ. އޭނާއަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީގައި އިންނަވާ މެމްބަރެވެ.