Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ޔާމީންގެ ހަށިގަނޑުގައި ގިނަ ޒަހަމްތަކެއް ހުރި، ހޮސްޕިޓަލަށް ގެނައިއިރުވެސް ވިންދެއް ނެތް

ޔާމީން ރަޝީދު

އަނިޔާވެރި ގޮތަކަށް މަރާލި ޔާމީން ރަޝީދުގެ ހަށިގަނޑުގެ އެތަން މިތަނުގައި ބޮޑެތި ޒަހަމްތަކެއް ހުރި ކަމަށާއި އޭނާ ހޮސްޕިޓަލަށް ގެނައި އިރުވެސް އެއްވެސް ވިންދެއް ނެތް ކަމަށް ޔާމީން ބެލި ޑޮކްޓަރު ކްރިމިނަލް ކޯޓުގައި މިއަދު ހެކިބަސް ދީފިއެވެ.

ޔާމީން ރަޝީދު މަރާލީ 2017ވަނަ އަހަރުގެ ތެރޭގައެވެ. އޭނާ މަރާލީ އޭނާ ދިރިއުޅޭ ގޭގެ ސިޑި ގޮޅި ތެރޭގައެވެ. މި މައްސަލާގައި ދައުލަތުން ދައުވާ ކުރަނީ ހ. އަންނާރުމާގޭ ހައިޝަމާއިި މ. އިރަސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލާއި ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. ކުދެހިގޭ ހަސަން ޝިފާޒްގެ އިތުރުން މ. ތާއިފް އިސްމާއިލް ރަޝީދު އަދި މ. ކޮޅުފުށީ އީސްޓް ހުސައިން ޒިޔާދުގެ މައްޗަށެވެ. އެ މީހުންގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ.

މިއަދު ބޭއްވި އަޑުއެހުމުގައި ޔާމީން ބެލި ޑޮކްޓަރު ހެކިބަސް ދެމުން ބުނީ ޔާމީންގެ ބޮލާއި ކަރާއި މޭގައި ބޮޑެތި ޒަހަމްތަކެއް ހުރި ކަމަށެވެ. އެންމެ ބޮޑު ޒަހަމެއް ހުރީ ކަރުގައި ކަމަށެވެ. މޭމަތީގައި ވެސް ވަރަށް ފުން ޒަހަމެއް ހުރުމުގެ އިތުރުން ބަނޑުގައި ވެސް އެކި ފުންމިނުގެ ގިނަ ޒަހަމްތަކެއް ހުރި ކަމަށްވެސް ޑޮކްޓަރު ހެކިބަސް ދެމުން ބުންޏެވެ. ޑޮކްޓަރު ބުނީ ޔާމީންގެ ހަށިގަނޑުގައި ހުރި ޒަހަމްތަކަށް ބެލުމުން އެއީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ދީފައިވާ ޒަހަމްތަކެއްކަން އެނގޭ ކަމަށެވެ.

އެ އަނިޔާތަކަކީ މީހަކު މެރުމުގެ ގޮތުން ދީފައިވާ އަނިޔާތަކެއް ކަމަށް ބެލެވޭތޯ ދައުލަތުން ސުވާލު ކުރުމުން އޭނާ ބުނިގޮތުގައި އެއީ މެރުމުގެ ގޮތުން ދީފައިވާ އަނިޔާތަކެއް ކަން ބުނާކަށް ނޭނގޭ ކަމަށެވެ. ނަމަވެސް އެ އަނިޔާތަކުގެ ނަތީޖާއެއްގެ ގޮތުން މީހަކު މަރުވެދާނެ ކަމަށް އެ ޑޮކްޓަރު ބުންޏެވެ.

އެ މައްސަލާގެ އިތުރު އަޑުއެހުމެއް އަންނަ ހަފުތާގައި ވެސް އޮންނާނެ ކަން މިއަދުގެ އަޑުއެހުމުގައި ގާޒީ އިއުލާން ކުރެއްވި އެވެ.