Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ޖޭއެސްސީގެ ނިންމުން ސުޕްރީމް ކޯޓުން ބާތިލްކުރަން އުޅޭކަމުގެ ތުހުމަތު

ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމެއް - ފޮޓޯ: މަޖިލިސް

ޖުޑިޝަލް ސާވިސް ކޮމިޝަނުން އުއްތަމަފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީއާއި އެކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ސަސްޕެންޑުކުރުމަށް ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކުރަން އުޅޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި މެމްބަރުންތަކެއް ތުހުމަތުކުރައްވައިފިއެވެ.

ޖޭއެސްސީން ބުނީ މި ދެ ބޭފުޅުން ފަނޑިޔާރު ކަމުގެ މަގާމުން ވަކިކުރަން މަޖިލީހަށް ހުށަހަޅަން ޖޭއެސްސީން ނިންމީ، އެ ދެ ބޭފުޅުންނާ ގުޅޭގޮތުން ކޮމިޝަނުން ތަހުގީގުކުރި ސުލޫކީ މައްސަލަތަކާ ގުޅިގެން ފަނޑިޔާރެއްގެ ކިބައިގައި ހުރުން ލާޒިމުކުރާ ސުލޫކީ ސިފަތައް ނެތިގެންދާ ފަދަ އަމަލުތަކެއް އެ ދެ ބޭފުޅުން ކޮށްފައިވާ ކަމަށް ޖޭއެސްސީގެ ތަހުގީގު ކޮމިޓީއަށް ފެންނާތީ ކަމަށެވެ.

އަދި އެ ދެ ބޭފުޅުންގެ މައްޗަށް ސާބިތުވެފައިވާ ކަންކަމަކީ ފަނޑިޔާރުކަމުގެ މަގާމާ އެކަށީގެންނުވާ ފަދަ އަމަލުތަކެއް ކަމަށް ވާތީ މި ދެ ބޭފުޅުން މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމީ ކަމަށް ޖޭއެސްސީން ބުނެއެވެ.

މީގެއިތުރުން ޖޭއެސްސީން ވަަނީ މި ދެ ބޭފުޅުން 60 ދުވަހުގެ މުއްދަތަށް މަގާމުން ސަސްޕެންޑު ކުރުމަށް ވެސް ނިންމާފައެވެ. އެ ބޭފުޅުން ސަސްޕެންޑު ކުރަނީ އެ ބޭފުޅުންނާ ގުޅޭގޮތުން ބަލަމުންދާ މައްސަލަތަކުގެ ބާވަތަށް ބަލައި ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ ގޮތުން ކަމަށް ޖޭއެސްސީން ބުނެއެވެ.

މިއަދު ބޭއްވި ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ ޖޭއެސްސީގެ ގާނޫނަށް ބެލުމުން އެ ކޮމިޝަނުން އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އާދަމް މުހައްމަދާއި މެދު އަމަލު ކުރައްވާފައިވާ ގޮތް ވަރަށް ރަނގަޅަށް ފެންނާނެ ކަމަށެވެ. އެގޮތުން ޖޭއެސްސީން އަމަލުކޮށްފައި ވަނީ ގާނޫނޫ ތަރަހައިގެ ތެރެއިން ކަމަށް އޭނާ ވިދާޅުވިއެވެ.

ޖޭއެސްސީގެ ނިންމުމާ ގުޅޭގޮތުން ސުޕްރީމް ކޯޓުގައި އުއްތަމަފަނޑިޔާރު އެހެން ނިންމެވުންތަކެއް ނިންމެވުމަށް އުޅޭކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.

ހަސަން ލަތީފް ވިދާޅުވީ އުއްތަމަފަނޑިޔާރާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އަށް ފިޔަވަޅު އެޅުމަށް ޖޭއެސްސީން ނިންމާފައިވަނީ ގާނޫނުގެ ތެރެއިން ކަމަށާއި އެއީ އެންމެ ފަހުގެ ނިންމުން ކަމަށެވެ.

އޭނާ ވިދާޅުވީ ފަނޑިޔާރުންނާއި މެދު ޖޭއެސްސީން ފިޔަވަޅު އެޅުމުން އެ ފަނޑިޔާރުން އެ މައްސަލަ ހިފައިގެން ދާނެ އެއްވެސް ކޯޓެއް ނުހުންނާނެ ކަމަށެވެ. ހަސަން ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ފަނޑިޔާރުންނަށް ފިޔަވަޅު އެޅޭނެ ހިސާބެއް އޮންނާނެ ކަމަށެވެ. އަދި ޖޭއެސްސީން އަޅާ ފިޔަވަޅެއް އެ ފަނޑިޔާރުން ތިއްބަވާ ކޯޓުން ބާތިލް ކުރުމަކީ ހަމަޖެހޭ އުސޫލެއް ވެސް ނޫން ކަމަށް ހަސަން ވިދާޅުވިއެވެ.

ޖޭއެސްސީން އުއްތަމަ ފަނޑިޔާރު ސަސްޕެންޑު ކުރުމުން ސުޕްރީމް ކޯޓު ހިންގުން މިހާރު ހަވާލު ކޮށްފައި ވަނީ އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފާއެވެ. އަރީފަކީ ޖޭއެސްސީގެ ރައީސްގެ މަގާމުގައި ހުންނެވި ބޭފުޅާއެވެ. އެހެންނަމަވެސް އޭނާ ވަނީ މިއަދު ޖޭއެސްސީގެ ރައީސްގެ މަގާމުން އިސްތިއުފާވެސް ދެއްވާފައެވެ.