Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ދެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ މާދަމާއަށް އެޖެންޑާކޮށްފި

ފަނޑިޔާރު އާދަމް މުހައްމަދު އަދި އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ --

އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީ ފަނޑިޔާރު ކަމުގެ މަގާމުން ވަކިކުރުމަށް އެދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ މައްސަލަ މާދަމާ އޮންނަ ރައްޔިތުން މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.

ފަނޑިޔާރުން ވަކި ކުރުމުގެ މައްސަލަ އެޖެންޑާ ކޮށްފައިވާއިރު މާދަމާގެ ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:00ގައެވެ. މި މައްސަލަ އޮތީ އެޖެންޑާގެ ދެވަނަ މައްސަލަ މައްސަލައެއްގެ ގޮތުގައެވެ.

ޖޭއެސްސީން ބުނީ މި ދެ ބޭފުޅުން ފަނޑިޔާރު ކަމުގެ މަގާމުން ވަކިކުރަން މަޖިލީހަށް ހުށަހަޅަން ޖޭއެސްސީން ނިންމީ، އެ ދެ ބޭފުޅުންނާ ގުޅޭގޮތުން ކޮމިޝަނުން ތަހުގީގުކުރި ސުލޫކީ މައްސަލަތަކާ ގުޅިގެން ފަނޑިޔާރެއްގެ ކިބައިގައި ހުރުން ލާޒިމުކުރާ ސުލޫކީ ސިފަތައް ނެތިގެންދާ ފަދަ އަމަލުތަކެއް އެ ދެ ބޭފުޅުން ކޮށްފައިވާ ކަމަށް ޖޭއެސްސީގެ ތަހުގީގު ކޮމިޓީއަށް ފެންނާތީ ކަމަށެވެ.

އަދި އެ ދެ ބޭފުޅުންގެ މައްޗަށް ސާބިތުވެފައިވާ ކަންކަމަކީ ފަނޑިޔާރުކަމުގެ މަގާމާ އެކަށީގެންނުވާ ފަދަ އަމަލުތަކެއް ކަމަށް ވާތީ މި ދެ ބޭފުޅުން މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމީ ކަމަށް ޖޭއެސްސީން ބުނެއެވެ.

މީގެއިތުރުން ޖޭއެސްސީން ވަަނީ މި ދެ ބޭފުޅުން 60 ދުވަހުގެ މުއްދަތަށް މަގާމުން ސަސްޕެންޑު ކުރުމަށް ވެސް ނިންމާފައެވެ. އެ ބޭފުޅުން ސަސްޕެންޑު ކުރަނީ އެ ބޭފުޅުންނާ ގުޅޭގޮތުން ބަލަމުންދާ މައްސަލަތަކުގެ ބާވަތަށް ބަލައި ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ ގޮތުން ކަމަށް ޖޭއެސްސީން ބުނެއެވެ.

މި ދެ ފަނޑިޔާރުންގެ އިތުރުން ސުޕްރީމް ކޯޓުގެ އިތުރު ދެ ފަނޑިރާރެއްގެ ސުލޫކީ މައްސަލަ ވެސް ޖޭއެސްސީންް އަންނަނީ ތަހުގީގު ކުރަމުންނެވެ. އެގޮތުން އެ ދެ ފަނޑިޔާރުންގެ މައްސަލާގައި ތަހުގީގު ރިޕޯޓު އެކުލަވާލައި މިހާރު އެ ރިޕޯޓަށް ޖަވާބުދާރީވުމަށް ފުރުސަތު ދެއްވާފައިވާ ކަމަށް ޖޭއެސްސީން ހާމަކުރެއެވެ.

ޖޭއެސްސީން އުއްތަމަ ފަނޑިޔާރު ސަސްޕެންޑު ކުރުމަށް ނިންމުމުން އެ ކޯޓުގެ ހިންގުން މިހާރު ހަވާލު ކޮށްފައިވަނީ ފަނޑިޔާރު އަބްދުﷲ އަރީފާއެވެ. އަރީފަކީ މިއަދާއި ޖެހެންދެން ޖޭއެސްސީގެ ރައީސްވެސް މެއެވެ. އެހެންނަމަވެސް މިއަދު އޭނާ ވަނީ އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އެހެންކަމުން ޖޭއެސްސީގެ ރައީސަކަށް ހިސާން ވަނީ މިއަދު އައްޔަންކޮށްފައެވެ.