Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

"އިންސާފުވެރި ޝަރީއަތެއް ކޮށްފިނަމަ އަޅުގަނޑު އަތުގައި އަތެއް ނުލެވޭނެ"

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޖަލްސާއެއްގައި ވާހަކަދައްކަވަނީ --

އިންސާފުވެރި ޝަރީއަތެއް ހިންގައިފި ކަމަށްވާނަމަ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކުށްވެރިވާނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

"މަވެސް ޕީޕީއެމް"އަށް މި ނަމުގައި ޕީޕީއެމް އަދި ޕީއެންސީ ކޯލިޝަނަށް އަލަށް ގުޅިވަޑައިގެންނެވި ބޭފުޅުން ސޮއިކުރުމަށް ބޭއްވި ހަފްލާއެއްގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވަނީ އަދުލުވެރި ހުކުމެއް ކުރާ ކަމަށް ވާނަމަ އެމަނިކުފާނަށް ހުކުމް ކުރާނެ އެއްވެސް ޖާގައެއް ނޯންނާނެ ކަމަށެވެ. އެމަނިކުފާނު ވަނީ އާއްމު ރައްޔިތުންނާއި އެމަނިކުފާނުގެ ސަޕޯޓަރުންގެ އަރިހުން ކަންބޮޑު ނުވުމަށް އިލްތިމާސްކޮށްފައެވެ.

"ކަންބޮޑުނުވާން އަޅުގަނޑު މިބުނަނީ އެއީ އަޅުގަނޑު އެކަމާއި ކަންބޮޑު ނުވާތީ. އަޅުގަނޑު ކަންބޮޑު ނުވާ ވާހަކަ މި ދަންނަވަނީ އަޅުގަނޑަށް އެނގޭ އަޅުގަނޑު ދިވެހި ދައުލަތުގެ އެންމެ ފައިސާއެއްގައި ވެސް ޖެހިފައި ނޯންނާނެކަން،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ޝަރީއަތަށް ނުފޫޒު ފޯރުވުމަށް ގިނަ މަސައްކަތްތަކެއް މި ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ސަރުކާރުގެ އިސް ފަރާތެއް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމްއަށް ގުޅި ކަމަށާއި އެއީ ފެންނަން އޮތް ހަގީގަތެއް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމް ޕީއެންސީގެ ޕޯޑިއަމްއަކީ ސާބިތުކަމާއި އެކުގައި މަސައްކަތް ކުރާ މީހުންނަށް ނޫނިއްޔާ ޖާގަ ނުދޭ ޕޯޑިއަމްއަކަށް ހަދަންޖެހޭ ކަމަށެވެ. ޕީޕީއެމް ޕީއެންސީގެ ޕޯޑިއަމްއަކީ ޝަރަފުވެރި ޕޯޑިއަމްއެއް ކަމަށާއި އެ ޕޯޑިއަމްގައި ދުވާލަކު ގޮތަކަށް ފިކުރު ބަދަލުވަމުންދާ މީހުންނަށް ޖާގައެއް ނޯންނާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެޕާޓީގެ ޕޯޑިއަމްއަކީ ދިވެހި ރައްޔިތުން ގަބޫލުކުރާ މަސްދަރުތައް ހިމާޔަތް ކޮށްދޭނެ ޕޯޑިއަމްއެއް ކަމަށްވެސް ރައީސް ޔާމީންގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.