Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

އެކްސިޑެންޓުވި ބަހުގެ ޑްރައިވަރުގެ ބަންދަށް ހަތް ދުވަސް

އެކްސިޑެންޓުގެ ތެރެއިން ސައިކަލު ދުއްވަން ތިބި މީހުން އަޅާފައިވާ ހެލްމެޓު -- ފޮޓޯ / އެމްވީ ކްރައިސިސް

ރޭ ހުޅުމާލޭ ބަސް ޓާމިނަލް ކައިރިން ބަހަކާއި ސައިކަލެއް ޖެހި، ކުޑަކުއްޖަކު މަރުވި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި ބަސް ޑްރައިވަރުގެ ބަންދަށް ހަތްދުވަސް ޖަހައިފިއެވެ.

އެމްޓީސީސީގެ އެ ބަސް ދުއްވަން އިނީ 54 އަހަރުގެ ދިވެހި ޑްރައިވަރެކެވެ. އެމީހާ ހައްޔަރުކޮށްފައި ވަނީ ރޭގެ ވަގުތެއްގައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ، އެމްޓީސީސީގެ ބަސް ޑްރައިވަރުގެ ބަންދަށް މިރޭ ހަތް ދުވަސް ކޯޓުން ޖަހާފައިވާ ކަމަށެވެ.

ރޭގެ އެކްސިޑެންޓު ހިނގީ ކުޑަކުއްޖަކާއި އޭނާގެ މަންމަ ދަތުރުކުރަމުން ދިޔަ ސައިކަލުގައި، ފަހަތުން އައި ބަސް ޖެހިގެންނެވެ. އެ އެކްސިޑެންޓުގައި މަރުވީ ކ. ތުލުސްދޫއަށް ނިސްބަތްވާ ފާތިމަތު އަންޖުމް ޝަފީގު، 13 އަހަރެވެ. އެކުއްޖާގެ މަންމަގެ ހާލު ރަނގަޅު ކަމަށް ހުޅުމާލޭ ހޮސްޕިޓަލުން ރޭ ވަނީ ބުނެފައެވެ.