ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ކައުންސިލެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަން ޖެހޭ، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ބިލު ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީން ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް މަޖިލީހަށް ހުށަހެޅި މި ބިލު ކޮމެޓީން ފާސްކުރީ ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.
ބިލުގައި ބުނެފައިވަނީ މިބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރާތާ 60 ދުވަހުގެ ތެރޭގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ކައުންސިލެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަން ޖެހޭނެ އެވެ. އެ ކައުންސިލަށް މެންބަރުން އައްޔަންކުރައްވާނީ ވެސް އަދި ވަކި ކުރައްވާނީ ވެސް ރައީސުލްޖުމްހޫރިއްޔާ ކަމަށް ބިލުގައި ބަޔާންކޮށްފައިވެ އެވެ.
ބިލުގައި ބުނެފައިވަނީ މި ކައުންސިލް ޖަވާބުދާރީ ވާންޖެހޭނީ މިނިސްޓަރަށް ކަމަށެވެ. ބިލުގައި މިނިސްޓަރުކަމަށް ބަޔާންކޮށްފައިވަނީ ޖެންޑާ މިނިސްޓަރަށެވެ. ކައުންސިލްގެ އިދާރީ ހިންގުން ބަލަހައްޓަން ވާނީ ވެސް ޖެންޑާ މިނިސްޓްރީންނެވެ.
މި ކައުންސިލަކީ ހަތް ބޭފުޅުންގެ މައްޗަށް އެކުލަވާލަން ޖެހޭ ކައުންސިލެކެވެ. އެގޮތުން މިކައުންސިލްގައި ތިއްބަވާނީ ޖެންޑާ މިނިސްޓްރީން ކަނޑައަޅާ ބޭފުޅަކާއި، ހެލްތު މިނިސްޓްރީން ކަނޑައަޅާ ބޭފުޅަކާއި، ފުލުހުންގެ މުއައްސަސާގެ ބޭފުޅަކާއި އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅާ ބޭފުޅަކާއި، ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ ފަރާތުން ކަނޑައަޅާ ބޭފުޅެއްގެ އިތުރުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދިނުމަށްޓަކައި މަސައްކަތް ކުރާ އަމިއްލަ ޖަމިއްޔާތަކުގެ ތެރެއިން ދެ ބޭފުޅެކެވެ.
މި ކައުންސިލްގެ ރައީސާއި ނާއިބް ރައީސްއަސް ބޭފުޅަކު އައްޔަން ކުރައްވާނީ ވެދސް ރައީސުލްޖުމްހޫރިއްޔާ އެވެ. މިއިން އެއްވެސް ބޭފުޅަކު ކައުންސިލުން އިސްތިއުފާ ދެއްވައިފި ނަމަވެސް 30 ދުވަހުގެ ތެރޭގައި ކައުންސިލަށް އިތުރު ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވަން ޖެހޭނެ އެވެ.
ބިލު ތަސްދީގު ކުރައްވާތާ 30 ދުވަހުގެ ތެރޭގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށާއި އެހީތެރިކަމާއި އަޅާލުން ބޭނުންވެފައިވާ ކުދިންގެ މަސްލަހަތު ހިމާޔަތް ކުރުމަށްޓަކައި ހާއްސަވެގެން މަސައްކަތް ކުރާނެ އިދާރާއެއް "ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސާވިސް"ގެ ނަމުގައި އުފެދިގެންދާނެ އެވެ. މި އިދާރާއަކީ ޖެންޑާ މިނިސްޓްރީގެ ދަށުން ހިނގާނެ ސަރުކާރުގެ އިދާރާއެކެވެ.
މި އިދާރާއާ ގުޅޭ ކަންކަމުގައި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާންޖެހޭނީ އެވަގުތެއްގައި ހުންނަވާ ޖެންޑާ މިނިސްޓަރެވެ.
ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނެއް އަލުން އެކުލަވާލަން ސަރުކާރުން ނިންމީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ޤާނޫނު މިހާރު ބައްޓަންކުރެވިފައިވަނީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ބައިނަލްއަޤްވާމީ މުއާޙަދާގައި ބަޔާންކޮށްފައިވާ އެންމެހައި ޙައްޤުތައް އޭގެ އެންމެ ފުޅާމިނުގައި ލިބިދެވޭ ފަދަ ގޮތަކަށް ކަމުގައި ނުވާތީއެވެ.
އެ މުޢާހަދާގައި ކުޑަކުދިންނަށް ކަށަވަރުކޮށްދޭ ޙައްޤުތައް، ދިވެހިރާއްޖޭގައި ތަންފީޛޛުކުރުމަށްޓަކައި ކުޑަކުދިންނަށް ލިބިދެވޭނެ ޙައްޤުތައް މި ބިލުގައި ހިމަނާފައިވެއެވެ.
އެގޮތުން ބިލުގައި ކަނޑައަޅާފައިވާ ކުޑަކުދިންނަށް ލިބިދޭ ޙައްޤުތަކުގެ ތެރޭގައި، ތަފާތުނުކުރުމާއި، ދިރިހުރުމާއި ހެދިބޮޑުވުމުގެ ޙައްޤާއި، ކުއްޖާގެ މަޞްލަޙަތަށް އިސްކަންދިނުމާއި، އަޅާލުމާއި ޙިމާޔަތް ލިބުމާއި، އަނިޔާކުރުމާއި ގޯނާކުރުމާއި އަޅާނުލުމުން ރައްކާތެރިކަން ލިބުމާއި، މައިންބަފައިން އެނގުމާއި އެމީހުންގެ އަޅާލުން ލިބުމުގެ ޙައްޤާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ޚާއްޞަ އަޅާލުމާއި ރައްކާތެރިކަން ލިބުމުގެ ޙައްޤާއި، ދުޅަހެޔޮ ޞިއްޙަތާއި ޞިއްޙީ ފަރުވާ ލިބުމުގގެ ޙައްޤާއި، އުނގެނުމުގެ ޙައްޤާއި، ރަޙުމްކުޑަ ލާއިންސާނީ އަދަބު ނުދިނުމާއި، އަނިޔާއިން ރައްކާތެރިވުމާއި، ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ މަޢުލޫމާތު ޢާންމުނުކުރުމުގެ ޙައްޤު ފަދަ ޙައްޤުތައް ހިމެނިފައިވެއެވެ.
މި ބިލު ޤާނޫނަކަށް ވުމުން، ޢުމުރުން 18 އަހަރުން ދަށުގެ ކުޑަކުދިންގެ ކައިވެނި މި ޤާނޫނުން މަނާކުރެއެވެ. އަދި، ކުޑަކުދިންނަކީ، ބޮޑެތި މީހުންނާ އެއް މިންވަރަކަށް ހެދިބޮޑުވެ، ތަޞައްރުފު ފުދިފައިވާ ބައެއް ކަމުގައިނުވާތީ، އެއްވެސް ކުއްޖަކަށް، މަރުގެ އަދަބު ދިނުން، މި ބިލުން މަނާކޮށް، ކުޑަކުދިން ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ ޢުމުރަކީ، 15 އަހަރު ފުރުމުން ކަމުގައި ކަނޑައެޅިފައިވެއެވެ.
މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު، ޢުމުރުން 15 އަހަރުން ދަށުގެ ކުޑަކުދިންގެ މައްޗަށް އެއްވެސް ކުށެއްގެ ޖިނާއީ ދަޢުވާއެއް ނުއުފުލޭނެ ކަމަށް މި ބިލުގައި ބަޔާންކޮށްފައިވެއެވެ. އޭގެ ބަދަލުގައި، 15 އަހަރުން ދަށުގެ ކުދިންގެ ތެރެއިން ޤާނޫނާ ޚިލާފު ޢަމަލުތަކަށް ހުށަހެޅޭ ކުދިންނާއި، ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިން، ކުށްކުރުމާ ދުރުހެލިކޮށް، އެކުދިންނަށް ބޭނުންވާ ފަރުވާ ދީ، އެކުދިން ރީހެބިލިޓޭޓް ކުރުމަށްޓަކައި އަޅަންޖެހޭ އަވަސް ފިޔަވަޅު އެޅޭނެ ނިޒާމެއް ހަމަޖެއްސުމަށް ބިލުގައި ލާޒިމުކޮށްފައިވެއެވެ.