Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

އުސޫލު މުރާޖާނުކޮށް ޝަރީއަތްތައް ޓެލެކާސްޓު ނުކުރަން ނިންމައިފި

ކްރިމިނަލް ކޯޓު ކައިރީގައި ފުލުހުންތަކެއް: ފޮޓޯ / ރާއްޖެ އެމްވީ

ކްރިމިނަލް ކޯޓުގެ ޝަރީއަތްތައް ޓެލެކާސްޓު ކުރުމުގެ އުސޫލު އަލުން މުރާޖާކޮށް އާއްމުކޮށްގެން ނޫނީ ޝަރީއަތްތައް ޓެލެކާސްޓު ނުކުރުމަށް އެ ކޯޓުގެ ގާޒީންގެ އާއްމު މަޖިލީހުން ނިންމައިފިއެވެ.

ކްރިމިނަލް ކޯޓުން މިއަދު ބުނީ އެކޯޓުގެ ޝަރީއަތްތައް ޓެލެކާސްޓް ކުރުމުގެ އުސޫލެއް ހެދިފައިއޮތް ނަމަވެސް، އެއުސޫލުގެ ދަށުން އެއްވެސް އިސްތިސްނާއެއްނެތި ޝަރީއަތްތައް ޓެލެކާސްޓް ކުރެވޭ ގޮތަށް އޮތުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ. ބައެއް މައްސަލަތަކަކީ އެމައްސަލައެއްގެ ޝަރީއަތް ވަގުތުން ޓެލެކާސްޓު ކުރުމުން އާންމު ރައުޔަށް ނޭދެވޭ އަސަރުތަކެއް ކުރާނެ މައްސަލަތަކެއް ކަމަށްވުމާއި، އޭގެ ސަބަބުން އެއްބަޔަކަށް ފައިދާވެ އަނެއްބަޔަކަށް ގެއްލުން ވުމުގެ އިހުތިމާލު ފާޅުކަން ބޮޑު ގޮތެއްގައި އޮންނަ މައްސަލަތަކެއް ކަމަށްވެސް ކްރިމިނަލް ކޯޓުގެ ގާޒީންގެ މަޖިލީހުން ނިންމާފައިވާ ނިންމުމުގައި ބުނެފައިވެއެވެ.

ކްރިމިނަލް ކޯޓުގެ ގާޒީންގެ މަޖިލީހުން ބުނީ އެކަމުގެ ނަތީޖާއެއްގެ ގޮތުން މުޖުތަމައުގައި ފިތުނަ އުފެދުމަށް ޖާގަ ހުޅުވިގެން ދިޔުމާއި، އަދުލު އިންސާފާއިމެދު މީހުންގެ ހިތްތަކުގައި ޝައްކު އުފެދިގެން ދިޔުމާއި، ބައެއް މައްސަލަތަކަކީ އެކަމެއްގައި ހިމެނޭ އެއްބައެއްގެ މައްޗަށް ޝަރީއަތް ހިގަމުން ދާއިރު ހަމަ އެކަމުގައި ހިމެނޭ އެހެން ބައެއްގެ މައްޗަށް ތަހުގީގު ހިނގަމުންދާ މައްސަލަތަކަށްވުމާއި، އެހާލަތުގައި ޝަރީއަތް ޓެލެކާސްޓް ކޮށްފިނަމަ ތަހުގީގަށް ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ.

އަދި ފަހުން ޝަރީއަތަށް އަންނަ މައްސަލައަށްވެސް ނޭދެވޭ އަސަރުތަކެއް ކުރާނެކަމާއި، ހެކިންގެ ގޮތުގައި ޝަރީއަތަށް ހުށަހެޅިފައިވާ މީހުން މައްސަލައިގެ އަޑުއެހުމަށް ނުވެއްދޭއިރު، ކުރިން ބުނެވިދިޔަ ހާލަތުގައި ޝަރީއަތް ޓެލެކާސްޓް ކުރުމުން ފަހުން ހުށަހެޅޭ މައްސަލައިގައި ހެކިބަސްދޭން ހުށަހެޅިދާނެ މީހުންގެ އިވުމާއި ފެނުމުގެ ތެރެއިން ޝަރީއަތުގެ ގިނަކަންކަން ހިނގާފައި އޮތުމުން، ހެކިންގެ ގޮތުގައި ޝަރީއަތަށް ހުށަހެޅިފައިވާ މީހުން އަޑުއަހަން ނުވެއްދުމުގެ ބޭނުން ނެތިގެން ހިނގައިދާނެ ކަމަށްވެސް ކްރިމިނަލް ކޯޓުގެ ގާޒީންގެ މަޖިލީހުން ނިންމާފައިވާ ނިންމުމުގައިވެއެވެ.

އެކަމުގެ ނަތީޖާއެއްގެ ގޮތުން ހެކިބަސް އެއްގޮތް ކުރުމަށް މަސައްކަތް ކުރެވޭ ގޮތަށް އޮތުމުން އިންސާފަށް ހުރަސް އެޅުމުގެ ފުރުސަތު އޮތުމާއެކު، ކްރިމިނަލް ކޯޓުގެ ޝަރީޢަތްތައް ޓެލެކާސްޓް ކުރުމުގެ އުސޫލު އަލުން މުރާޖައާކޮށް އާންމުކޮށްގެން ނޫނީ ޝަރީއަތްތައް ޓެލެކާސްޓް ނުކުރުމަށް ހުރިހާ ގާޒީންގެ އިއްތިފާގުން ނިންމާފައިވާ ކަމަށް ކްރިމިނަލް ކޯޓުގެ އިސްގާޒީންގެ މަޖިލީހުން ނިންމާފައިވާ ނިންމުމުގައިވެއެވެ.

ކްރިމިނަލް ކޯޓުގެ ގާޒީންގެ މަޖިލީހުގެ ނިންމުމުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި މިހާރު ޓެލެކާސްޓް ކުރަން ފެށިފައިވާ މައްސަލަ ޓެލެކާސްޓު ނުކުރުމަށް ނިންމައިފިނަމަ، ސުވާލު އުފެއްދުމުގެ ޖާގައޮތުމުން، އެމައްސަލައިގެ ދެފަރާތުންކުރެ ފަރާތަކުން ޓެލެކާސްޓް ކުރުމަށް އިއުތިރާޒު ނުކުރާނަމަ، ޓެލެކާސްޓް ކުރުމަށާއި، ދެން އެންމެ އަވަހަށް ބޭއްވޭ އަޑުއެހުމެއްގައި ޓެލެކާސްޓް ކުރަން ފެށުމުގެ ކުރިން އެކަމާއިމެދު ދެފަރާތުގެ ބަހެއް ހޯދުމަށްފަހު ކުރިއަށް ގެންދިޔުމަށް އަގުލަބިއްޔަތުން ފާސްވެފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.

ކްރިމިނަލް ކޯޓުން މިހެން ބުނެފައިވާއިރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިން މައްސަލައިގެ އަޑުއެހުންތައް އެ ކޯޓުން އަންނަނީ ލައިވް ކުރަމުންނެވެ. އެ މައްސަލަ ލައިވް ކުރުމަށް ނިންމީ ވެސް އެ ކޯޓުގެ ގާޒީންގެ މަޖިލީހުންނެވެ.