އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީ ގުޅިގެން މާދަމާ ރޭ މާލޭގައި ރެލީއެއް ބާއްވަން ނިންމައިފި އެވެ.
ޕީޕީއެމް އޮފީހުގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ "ފުނޑާލައިފި" ނަމުގައި ބާއްވާ އެއްވުން މާދަމާ ރޭ ކާނިވާ ސަރަހައްދުގައި އޮންނާނެ ކަމަށެވެ. އެ އެއްވުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ވިދާޅުވި އެވެ.
ރޭވެސް ޕީޕީއެމްގެ އޮފީހުގައި ވަނީ ހަފްލާއެއް ބާއްވާފައެވެ. "މަވެސް ޕީޕީއެމް"އަށް އެނަމުގައި ބޭއްވި ހަފްލާއަކީ ޕީޕީއެމް ޕީއެންސީ ކޯލިޝަނަށް މެންބަރުން އިތުރުކުރުމުގެ ބޭއްވި ހަފްލާއެކެވެ. އެ ހަފްލާގައި ޑީއާރްޕީގެ ޑެޕިއުޓީ ލީޑަރު ކާނަލް މުހައްމަދު ނަޝީދާއި އެޕާޓީގެ ސެކްރެޓަރީ ޖެނެރަލް ނަހުލާ އަލީގެ އިތުރުން ބައެއް އާއްމުން ވަނީ ސޮއިކޮށްފައެވެ.
ރޭގެ ހަފްލާގައިވެސް ރައީސް ޔާމީން ބައިވެރިވެވަޑައިގަތް ވާހަކަފުޅުދެއްކެވިއެވެ. އެގޮތުން އިންސާފުވެރި ޝަރީއަތެއް ހިންގައިފި ކަމަށްވާނަމަ ކުށްވެރިވާނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ޔާމީން ވަނީ އަދުލުވެރި ހުކުމެއް ކުރާ ކަމަށް ވާނަމަ އެމަނިކުފާނަށް ހުކުމް ކުރާނެ އެއްވެސް ޖާގައެއް ނޯންނާނެ ކަމަށެވެ. އެމަނިކުފާނު ވަނީ އާއްމު ރައްޔިތުންނާއި އެމަނިކުފާނުގެ ސަޕޯޓަރުންގެ އަރިހުން ކަންބޮޑު ނުވުމަށް އިލްތިމާސްކޮށްފައެވެ.
"ކަންބޮޑުނުވާން އަޅުގަނޑު މިބުނަނީ އެއީ އަޅުގަނޑު އެކަމާއި ކަންބޮޑު ނުވާތީ. އަޅުގަނޑު ކަންބޮޑު ނުވާ ވާހަކަ މި ދަންނަވަނީ އަޅުގަނޑަށް އެނގޭ އަޅުގަނޑު ދިވެހި ދައުލަތުގެ އެންމެ ފައިސާއެއްގައި ވެސް ޖެހިފައި ނޯންނާނެކަން،" ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ޝަރީއަތަށް ނުފޫޒު ފޯރުވުމަށް ގިނަ މަސައްކަތްތަކެއް މި ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ސަރުކާރުގެ އިސް ފަރާތެއް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމްއަށް ގުޅި ކަމަށާއި އެއީ ފެންނަން އޮތް ހަގީގަތެއް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.