އުއްތަމަ ފަނޑިޔާރު ޑރ އަހުމަދު އަބްދުﷲ ދީދީ އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ފަނޑިޔާރު ކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމީ ރަނގަޅަށް ކަމަށް ޖުޑިޝަރީ ކޮމިޓީއިން ނިންމައިފި އެވެ.
މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި އެ ދެ ފަނޑިޔާރުން ވަކިކުރަން ފާސްކޮށްފައިވަނީ ކޮމިޓީގައި ބައިވެރިވި މެމްބަރުންގެ ތެރެއިން ފަސް މެމްބަރުންގެ ވޯޓާއެކު އެވެ.
މި ދެ ފަނޑިޔާރުން ސަސްޕެންޑު ކުރުމަށްފަހު މަގާމުން ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން (ޖޭއެސްސީ) މަޖިލީހަށް ފޮނުވީ އިއްޔެއެވެ.
މިއަދުގެ މަޖިލިސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެ މައްސަލައާ މެދު ކޮމިޓީން މިއަދު ގޮތެއް ނިންމަވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. އަދި ކޮމެޓީގެ ރިޕޯޓް ދިރާސާ ކުރަން މެންބަރުންނަށް ތިން ދުވަސް ލިބިވަޑައިގަންނަވާނެ ކަމަށާއި އަންނަ ހޯމަ ދުވަހު މި މައްސަލައާ މެދު މަޖިލީހުން ގޮތެއް ނިންމޭވަރު ވާނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
ޖޭއެސްސީން ބުނީ މި ދެ ބޭފުޅުން ފަނޑިޔާރު ކަމުގެ މަގާމުން ވަކިކުރަން މަޖިލީހަށް ހުށަހަޅަން ނިންމީ، އެ ދެ ބޭފުޅުންނާ ގުޅޭގޮތުން ކޮމިޝަނުން ތަހުގީގުކުރި ސުލޫކީ މައްސަލަތަކާ ގުޅިގެން ފަނޑިޔާރެއްގެ ކިބައިގައި ހުރުން ލާޒިމުކުރާ ސުލޫކީ ސިފަތައް ނެތިގެންދާ ފަދަ އަމަލުތަކެއް އެ ދެ ބޭފުޅުން ކޮށްފައިވާ ކަމަށް ޖޭއެސްސީގެ ތަހުގީގު ކޮމިޓީއަށް ފެންނާތީ ކަމަށެވެ.
އަދި އެ ދެ ބޭފުޅުންގެ މައްޗަށް ސާބިތުވެފައިވާ ކަންކަމަކީ ފަނޑިޔާރުކަމުގެ މަގާމާ އެކަށީގެންނުވާ ފަދަ އަމަލުތަކެއް ކަމަށް ވާތީ މި ދެ ބޭފުޅުން މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމީ ކަމަށް ޖޭއެސްސީން ބުނެއެވެ.
ޖޭއެސްސީން އުއްތަމަ ފަނޑިޔާރު ސަސްޕެންޑު ކުރުމަށް ނިންމުމުން އެ ކޯޓުގެ ހިންގުން މިހާރު ހަވާލު ކޮށްފައިވަނީ ފަނޑިޔާރު އަބްދުﷲ އަރީފްއާއެވެ.